މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ލިބިފައި ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

Ad
rt

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން އެމްއެމްޕީއާރްސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ،"

"ދައުވާތަކަށް އަދީބު އިއުތިރާފް: އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ސަރުކާރުން ހިންގި ބޮޑު ސްކޭމެއް، އެންމެންނަށް ފައިދާ ލިބުނު" މިސުރުހީގެ ދަށުން މިހާރު ނޫހުގައި ގެނެސްދީފައިވާ ޚަބަރެއް ހިއްސާކުރައްވަމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވެފައިވާ އިރު އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިއްޔެ ކުރި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ވައްކަން ފޮރުވަން އުޅޭ ކަމުގެ ބަދުނާމު އެޅޭކަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ބޭނުން ނުވާ ކަމަށެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އާއި ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތް ދައުވާ އަށް އިއުތިރާފުވެ އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ ފައިސާގެ ބައިކުޅަ ބައި ލިބުނު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް އާއްމުކޮށް، ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށެވެ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދީބު ވިދާޅުވި ގޮތުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ އޭރުގެ ވެރިންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށާއި، ޝަރުއީ ކޯޓުތަކުގައި ބައެއް ފަނޑިޔާރުންނަށާއި، ކުރީގެ ބައެއް ރައީސުންނާއި، ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް އެ ފައިސާ ބަހާފައިވާނެއެވެ. މީގެކުރިން އަދީބަށް އެމްއެމްޕީއާރްސީ މައްސަލާގައި ހުކުމްތަކެއް އިއްވި ނަމަވެސް މި ސަރުކާރު އައި ފަހުން ވަނީ އެ ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ. އަދި މައްސަލަތައް އަލުން ބަލަނީ ދައުލަތާއި އެކުގައި އަދީބު އެއްބަސްވުމެއް އެކުލަވާލައިގެންނެވެ.

ސިޔާސީ ޕާޓީތަކަށް އެމްއެމްޕީއާރްސީ ފައިސާގެ ނަފާ ލިބިގެން ދިޔަ ކަމަށް އަދީބު ވިދާޅުވިއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އަދާލަތު ޕާޓީ އިން ވެސް އެ ފައިސާ ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.