މާލޭ ސިޓީ ވެސްޓްޕާކް ސަރަހައްދަށް އެކަނި ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮން އެސަރަހައްދު މޫދު އަޑީގައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މިއަދު ހެނދުނު 11:00 ހާއިރު ސްނޮކްލިންގ އަށް ގޮސް އުޅެނިކޮށް ހަބަރެއްނުވެގެން ހޯދަމުންދަނީ، މ. ބޮއިލިން ފިޝް، (24އ) ސަފްވާން ރަޝީދު ކަމަށެވެ.
އެމްއެންޑީއެފްއިން 17:33 ގައި ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ސަފްވާންގެ ހަށިގަނޑު އެސަރަހައްދު މޫދު އަޑީގައި އޮއްވައި ފެނިފައިވާކަމަށެވެ. އެއިނާގެ ހަށިގަނޑު ފެނިފައިވަނީ 12.1 މީޓަރު އަޑިންކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.
މިހާރު ސޮފްވާންގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ، އޭނާ ހޯދަން ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން އާންމު ޑައިވަރުން ވެސް އެހީތެރިވި ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނީ އާންމު ޑައިވަރުންނަށް ކަމަށެވެ.
ސަފްވާން ގެއްލިގެން އުޅޭކަމަށް އެމްއެންޑީއެފްއަށް އިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:36 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!