އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު އޮޑިޓް ރިޕޯޓް ނެރެފައިވަނީ އެންމެ ފުރިހަމައަށް ބަލަންޖެހޭކަންކަން ނުބެލިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ހިސާން ހަސަން މިހެން ވިދާޅުވީ އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 7 ކަމެއްގެ ތަފްސީލް ދެއްވުމަށް އެންޑީއެމްއޭއިން މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

Ad
rt

އެގޮތުން ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް އަގުބޮޑުކޮށް ކާބޯތަކެތި ފޯރުކޮށްދިން މައްސަލަ މީގެ މާކުރިން ސަމާލުކަމަށް އައިސް، އެ ފައިސާ އެންޑީއެމްއޭއަށް އަނބުރާ ހޯދާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓްގައި، ސަރުކާރުގެ މިލްކުވެރިކަން ނެތް ބިމެއްގައި އެ ފެސިލިޓީ ގާއިމުކޮށްފައި ވުމާއި ގުޅިގެން ހިސާން ވިދާޅުވީ އަމިއްލަ މީހެއްގެ ބިމުގައި ގާއިމުކޮށްފައިވާ ފެސިލިޓީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ހިސާން ވަނީ އެ ބިމުގައި ކޮވިޑް ފެސިލިޓީ ގާއިމުކުރި މައިގަނޑު ފަސް ސަބަބެއް ވެސް ވިދާޅުވެފައެވެ. އެގޮތުން އެއީ ޖާގައިގެ ގޮތުން ވެސް އެފަދަ މަރުކަޒެއް ގާއިމުކުރަން އެންމެ އެކަށީގެންވާ ތަނަކަށް ވުމާއި، ކޮވިޑް ހޮސްޕިޓަލެއްގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެއްސި ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން ހުރި ތަނަކަށް ވުމާއި، އިމާރާތުގެ ބޮޑު ބައެއް ނިމިފައިވުމުގެ ސަބަބުން އަލުން އާ ތަނެއް ހަދައިގެން އަވަސް މުއްދަތުގައި ނުނިމުން ހިމެނެއެވެ. އަދި ހަމައެއާއެކު އެއީ ލޮޖިސްޓިކްސް އާއި އެހެނިހެން ގޮތްގޮތުން ވެސް ހަރަދުކުޑަވާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތި ރައްކާކޮށްފައިވަނީ އެންޑީއެމްއޭގެ ގުދަން، އެތަނުގެ ފަހަތުގެ ސަރަހައްދެއްގައި، ކަލާފާނު ސްކޫލްގެ ހޯލް، ގަލޮޅު މަދަރުސާގެ ހޯލް އަދި ދެ ކްލާސްރޫމާއި އަދި މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ހޯލްގައިކަމަށާއި ފުރަބަންދުގެ ހާލަތާއި އަދި އެހެން ހާލަތްތަކުގައިވެސް އެހީގެ ގޮތުގައި ލިބުނު ތަކެތި އެއާޕޯޓަށް ގޮސް ކްލިއަރކޮށްފައިވަނީ ކޮވިޑް-19 އޮޕަރޭޝަންގެ ލޮޖިސްޓިކް ސަޕޯރޓް ޓީމާއި އެކުގައި ކަމަށެވެ. އަދި މިތަކެތި ގުދަން ކުރަނީ ލިޔެކިޔުންތައް ހަމަވުމުން ކަމަށާއި، އެތަކެތި ބަހައްޓާފައިވާގޮތް އޮޑިޓްކުރަމުންދިޔަ ޓީމަށްވެސް ދައްކަވާފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހިސާން ވަނީ ހިލޭ އެހީގެ ގޮތުގައި ލިބުނުތަކެތި ތަފާތު އިދާރާތަކަށް ބަހަމުންދިޔަ އިރު، އެތަންތަނަށް ވަކިން ސިޓީ ފޮނުވައިގެން އެތަކެތި ލިބުނުތޯ ކަށަވަރުކޮށްފައިވާނެ ކަމަށެވެ. މިކަމުގެ ތަފްސީލްތައްވެސް އޮޑިޓަރ ޖެނެރަލްގެ އޮފިހާއި ހިއްސާކޮށްފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެންއީއޯސީގައި މަސައްކަތްކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދައުވަތު ދީފައިވާނެ ކަމަށާއި، އެ ދައުވަތު އެ އޮފީހުން ޤަބޫލުުފުޅު ކުރައްވާފައި ނުވާކަމަށްވެސް ވިދާޅުވި އެވެ. އެންއީއޯސީގައި ވަކި ސެލް އެއްގެ ގޮތުގައި، ދަރުބާރުގޭގައި މަސައްކަތްކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އެންޑީއެމްއޭގެ ފަރާތުން ރަސްމީކޮށް ލިޔުމުން ދައުވަތު ދީފައިވާ ކަމަށާއި، ނަމަވެސް އެ ދައުލަތު އޮޑިޓް އޮފީހުން ޤަބޫލުފުޅު ކުރައްވާފައި ނުވާކަމަށެވެ.

މިފަދަ ދައުވަތެއް އޮޑިޓް އޮފީހަށް ދީފައިވަނީ މިފަދަ ބޮޑު ކާރިސާއެއް މެނޭޖްކުރާއިރު، މިފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ކޮންޓްރޯލް އަގުތަކަށްވުރެ ބޮޑު އަގުގައި ކާބޯތަކެތި ފޯރުކޮށްދިން ކަމަށްބުނެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ނުބައި އަގެއް ކަމަށް ކޮވިޑް ފެސިލިޓީއަށް ސާމާނު ހޯދުމަށް އެޑްވާންސްކޮށް ފައިސާ ދެއްކީ ތަކެތި ހޯދުމަށް އޭރު އިތުރު ގޮތެއް ނެތުމުން ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވި އެވެ.