ދިވެހިރާއްޖޭގައި އިނގިރޭސީން އުޅުނުކަމުގެ ނިޝާންތައް ފެންނަކަމަށް އެންމެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ އެންމެ ދެކުނު ކަމުގައިވާ އައްޑޫއިންނެވެ. ނަމަވެސް، ދުވަސްކޮޅަކަށް ވިޔަސް އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް ރާއްޖޭގެ އުތުރުގައި ހިންގިކަން ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ. 1945 ވަނަ އަހަރުން ފެށިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން، އައްޑޫގައި ދެކުނުގެ އަސްކަރީ މަރުކަޒު ހިންގި ފަދައިން އުތުރުގައި އަސްކަރީ މަރުކަޒުގެ ގޮތުގައި ހއ.ކެލާގައި "ސްޓޭޖިންގ ޕޯސްޓް"އެއް ހިންގާފައިވެއެވެ.
ހއ.ކެލާގެ ކުރީގެ ބޮޑުކަތީބު ޢަބްދުﷲ ވަޙީދު ބުނާ ގޮތުން ހއ.ކެލާގައި ހަދާފައިވާ RAF (ރޯޔަލް އެއަރފޯސް) އަސްކަރީ މަރުކަޒު ބޭނުންކޮށްފައިވަނީ ހަނގުރާމައިގައި ބޭނުންކުރި އުޅަނދުތަކަށް ތެޔޮ އަޅާ ސްޓޭޝަނެއްގެ ގޮތުގައެވެ. މިއަދާހަމައަށްވެސް، އެ ބޯޓުތައް ފައްތިޔާގެ ގޮތުގައި ބޭނުންކުރި 2 ސިމެންތި ބުޑު ފެންނަން ހުރެއެވެ. އެ މީހުންގެ ލަޝްކަރު ސީޕްލޭންތަކުން ރަށަށް ބޭލުމަށް ބޭނުންކުރީ ކެރިއަރ ބޯޓެކެވެ. އެ ބޯޓު އަދިވެސް ކެލާގެ ފަޅުތެރޭގައި ވީރާނާވެފައި އެބައޮތެވެ. ރަށުގެ ރައްޔިތުން އެ ބޯޓަށް ކިޔަނީ "ބޯޓު ގަނޑު"އެވެ.
މިހާރު ކެލާ "ރަށްވެހިގެ" ހުރި ތަނުގައި އޭރު ހުރި "ވައިޖެހޭގެ" ބޭނުންކޮށްފައިވަނީ ރޯޔަލް އެއަރފޯސް އާއި ދިވެހި ދައުލަތުގެ އޮފިޝަލުންގެ ރަސްމީ ބައްދަލުވުންތަކަށެވެ. ދިވެހި ދައުލަތުގެ އިސް ވެރިންނާ ބައްދަލުކުރުމަށް ކެލާ ރަށު އޮފީސް މެދުވެރިކުރުމުގެ ބަދަލުގައިި އިނގިރޭސީން މުޢާމަލާތްކުރަނީ ސީދާ ދައުލަތުގެ އިސްވެރިންނާއެވެ. އެ ފަދަ ރަސްމީ ބައްދަލުތަކުގައި އެކި އެކި ކަންކަމާ ރޯޔަލް އެއަފޯސްއާ ބައްދަލުކުރަން އަންނަ އެއް ފަރާތަކީ މުޙައްމަދު ޝިހާބެވެ. ދައުލަތުގެ އިސްވެރިން އެ ބައްދަލުވުމަށް ގެންދިއުމުގެ ކަންތައް ރަށު ފެންވަރުގައި ކުރުމާއި ހަވާލުވެ ހުންނަނީ އިސްމާޢީލް ކަތީބެވެ.
ހއ.ކެލާގެ "އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމަންޓަލް އެވެއަރނަސް ސޮސައިޓީ" (IDEAS)އިން އިސްމާޢީލް ކަތީބާ ބައްދަލުކޮށް، އެ ދުވަސްތަކުގެ ދުރު ހަނދާންތަކާ ބެހޭގޮތުން ވާހަކަ ދައްކާލުމުގެ ނަސީބު ލިބުނެވެ. އިސްމާޢީލް ކަތީބު ކިޔާދިންގޮތުގައި މުޙައްމަދު އަމީން ދީދީގެ ވެރިކަމުގެ ދުވަސްވަރު އިނގިރޭސީންގެެ 5 މީހަކު ކެލައަށް އައިސް އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ސަރަޙައްދުގެ ސަރވޭއެއް ހަދާފައިވެއެވެ.
އެ ވަފުދުގެ ލީޑަރަކަށް ހުރީ މިސްޓަރ އައިރެން ކިޔާ މީހެއްކަމާއި އަދި އޭނާގެ އުނަގަނޑުގަ އަބަދުވެސް ފިސްތޯލައެއް އަޅުވާލާފައި އޮންނަކަމަށް ހަނދާން ހުންނަކަމަށް ކަތީބު ބުންޏެވެ. މރ. އައިރެން ނިދާ ހަދާކަމަށްވަނީ ކެލާ "އޮޑިބަން މަގު" ގޮނޑުދޮށުގައި އޭރު ހުރި ހޮޅުއަށީގައެވެ. (އޮޑިބަން މަގަށް އެނަމުން ނަންދެވިފައިވަނީ އެ މަގުގައި ބޮޑު އޮޑި އެއް ކުރީ ޒަމާނެއްގައި ބަނދެފައިވާތީއެވެ). ވަފުދުގެ އެހެން މީހުން އުޅުނީ "އަވަށުގެ" ގައެވެ. (އަވަށުގެ އަކީއެކި ބޭނުންތަކުގައި ކެލައަށް އަންނަ ދައުލަތުގެ އޮފިޝަލުން ތިބުމަށް ކެލާގެ ފުޓްބޯޅަ ދަނޑުކައިރީގައި ރަށު އޮފީހުން ހަދާފައި ހުންނަ ގެއެކެވެ)
ސަރވޭ ނިންމުމަށްފަހު ރޯޔަލް އެއަރފޯސްގެ އަސްކަރީ މަރުކަޒު އެޅުމަށް ބޭނުންވާ މުދަލާއެކު މަނަވަރެއް ކެލާ ތުނޑިއަށް ގާތްކުރިކަމަށްވެއެވެ. އަދި ރަށުގެ ތަޖުރިބާކާރު، އާޖުފާޖު ދަންނަ މާލިމީންގެ އިރުޝާދުގެ ދަށުން ކެލާގެ "ގޮނޑު ނެރު" ކައިރީ ބޯޓު އެޅިއެވެ. އަދި ރަށުގެ ރައްޔިތުންގެ އެހީގައި ކުދި އޮޑިފަހަރުގައި އެ ބޯޓުގައި ހުރި މުދާތައް ކެލާ ތުނޑިއަށް ބޭލިއެވެ. ގޮނޑު ނެރަކީ ތުނޑި ކައިރިން ކުދި އޮޑި ދޯފަހަރު ނިކުތުމަށް އެޒަމާނުންސުރެ ހަދާފައިވާ ނެރެކެވެ.
އިސްމާޢީލް ކަތީބުގެ ހަނދާންވާ ގޮތުން ހއ، ހދ، ށ، ނ އަދި ޅ އަތޮޅުގެ ކޮންމެ ރަށަކުން 4 މަސައްކަތު މީހުން ކެލައަށް އައެވެ. ރ އަދި ބ އިން މީހުން އައިކަމެއް އިސްމާޢީލް ކަތީބުގެ ހަނދާނަކަށް ނާދެއެވެ. އެގޮތުން ގާތްގަނޑަކަށް 400އެއްހާ މަސައްކަތު މީހުން ކެލައަށް އައިކަމަށް އޭނާ ބުނެއެވެ. އެ މީހުން އައީ އަސްކަރީ މަރުކަޒުގައި ތިބި އިނގިރޭސީންނަށް ވެދުމަށް ރުކުރަލާއި މަސް ހިފައިގެންނެވެ. އޭގެ ބަދަލުގައި އިނގިރޭސީން އެ މީހުންނަށް ފޭރާމާއި ޖޫހާއި ކިރާއި ހަވާދާއި ބިސްކޯދާއި ބާސްމަތީ ހަނޑުލާއި އަދި އޭގެއިތުރުން ކަރާސީނު ތެޔޮ ވެސް ދިންކަމަށް ވެއެވެ. މި އެންމެންނަކީ އެ މަރުކަޒުގައި މަސައްކަތްކުރުމަށް އެކި އަތޮޅުތަކުން އައި މީހުންނެވެ.
އިސްމާޢީލް ކަތީބު ހަނދާންވާ ގޮތުގައި އިނގިރޭސީންނަކީ އެ ތަނުގައި މަސައްކަތްކުރި މީހުންނަށް ވަރަށް ހެޔޮ، ދީލަތި ބައެކެވެ. އެދުވަސްވަރު އެންމެ ފުދިގެން އުޅުނު ބަޔަކީ އަސްކަރީ މަރުކަޒުގެ މަސައްކަތު އުޅުނު މީހުންނެވެ. އެހެންނަމަވެސް، އާންމުންގެ ތެރެއިން ގިނަ މީހުން އަސްކަރީ މަރުކަޒު ސިފަކުރަނީ ބިރުވެރި ތަނެއްގެ ގޮތުގައި ކަމުން، އެސަރަޙައްދާ ކައިރިއަށް ރަަށުމީހުން ގޮސް ނޫޅެއެވެ. އެ ތަނުގައި މަސައްކަތްކުރާ ދިވެހިން ފިޔަވައި އެހެން ދިވެހިން އެ މަރުކަޒަށް ވަންނަން ބޭނުންނަމަ "ވައިޖެހޭގެ"އިން ޚާއްޞަ ހުއްދައެއް ނަގަންޖެހެއެވެ. ހަމައެހެންމެ ރޯޔަލް އެއަރފޯސްގެ ސިފައިންވެސް ރަށުތެރޭގެ ސަރަޙައްދަކަށް އައިސް ނޫޅެއެވެ. އެ މީހުން އާންމުން ދިރިއުޅޭ މަރުކަޒު ހުރި ސަރަޙައްދަށް އަންނަނީ "ވައިޖެހޭގެ"ގައި އޮންނަ ރަސްމީ ބައްދަވުން ތަކަށެވެ. މީގެ އިތުރުން މަދިރި އާލާވާ ތަންތަނަށް ބޭސް ޖަހަން، ގޭގެ ވަޅަށް ބޭސް އަޅަަން މާހަކު އެއްފަހަރު ހެން ރަށުތެރެއަށް އައިސް އުޅުން ކަމުގައިވެއެވެ.

އަސްކަރީ ސަރަޙައްދުގައި މަސައްކަތްކުރާ މީހުން ތިބުމަށް ފިލިހިޔާ ސަރަހައްދުގައި "ބޮޑުވަޅު" ކިޔާ ބޮޑު ގެއެއް ދަނޑިފަނުން އެޅިއެވެ.އަދި އެ މީހުންނަށް ބޭނުންވާ ކާބޯތަކެތި ރައްކާކޮށްފައި ހުންނަނީ ފިލިހިޔާ ކައިރީގައި ހުންނަ ބަނޑަހަގޭގަ އެވެ. އެ ތަކެތި ފޯރުކުރަނީ އަމީން ދީދީގެ ވެރިކަމުގައި، ދެވަނަ ބޮޑު ހަނގުރާމާގައި ރަށްރަށަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުޅުވި "ބޮޑު އިސްޓޯރު" (މެގަ ސްޓޯރ)އިން ނެވެ. ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކަންތައް އިންތިޒާމުކުރަނީ ރަށުގެ ބޮޑުކަތީބެވެ.
އަސްކަރީ މަރުކަޒުގެ ސިފައިން ތިބުމަށް 40 ގެ އެޅިއެވެ. އޭގެ ތެރެއިން ގިނަ ޢިމާރާތްތަކަކީ ސިމެންތި ފާރުކޮޅެއްގެ މަތީގައި ދަނޑިފަނުން އަޅާފާ ހުރި ގެތަތެކެވެ. ހިޔާކޮށްފައި ހުރީވެސް ދަނޑިފަނުންނެވެ. ގާތްގަނޑަކަށް ސަތޭކައެއްހާ ރޯޔަލް އެއަރފޯސްގެ ސިފައިން އަސްކަރީ މަރުކަޒުގައި ހަރަކާތްތެރިވިއެވެ. އެތަނުން ގިނަ ސިފައިންނަކީ ޕައިލެޓުންނެވެ. އެ ގެތަކުގެ އިތުރުން އެ ތަނުގައި ސިފައިންގެ އުޅަނދުތައް ކައިރިކުރުމަށް ކުޑަ ފާލަމެއްވެސް އެޅިކަމަށްވެއެވެ. އަދި ގެތައް އަޅާފައި ވަނީ ގޮނޑުދޮށުގައިކަމުން، ގަދަ ވައިރޯޅިން ރައްކާތެރި ކުރުމަށްޓަކައި އެސަރަހައްދުގައި ލަކުޑި ފޮށި ބޭނުކޮށްގެން ފާރެއްވެސް ގާއިމުކުރިއެވެ.
ޢަބްދުﷲ ވަޙީދު ( ކުޜިގެ ރަށުގެ ބޮޑު ކަތީބު) މަޢުލޫމާތު ދިން ގޮތުން އޭރު ހެދި ގެތަކަކީ ރޫޅައި، އަލުން ރާވާލެވޭގޮތަށް ހަދާފައި ހުރި "ޕްރީފެބް" ގެތަކެކެވެ. އެއިން ކޮންމެ ގެއެއްގައިވެސް އެޅި ސިމެންތި ބިންގާތަކުގެ ބައިތައް އަދިވެސް އެސަހަހައްދުން ފެންނަން އެބަހުއްޓެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި، ސިފައިން އެސަރަހައްދު ދޫކޮށް ދިޔުމުން، އެމީހުން ދޫކޮށް ދިޔަ މުދާތަައް ރަށުގެ ރައްޔިތުން ގެނެސް، ވަޅު ހަދާ، އިމާރާތްކުރުމުގެ މަސައްކަތްތަކަށްު ބޭނުން ކުރިއެވެ.
ރޯޔަލް އެއަރފޯސްގެ އަސްކަރީ މަރުކަޒު އެންމެ ވަރުގަދައަށް ހިންގި ދުވަސްވަރު އެތަނުގައި ހަތިޔާރު ރައްކާކުރުމަށް އެތަނުގައި އިމާރާތްކުރިއެވެ. އެ އިމާރާތުގެ ފާރުތައް އަދިވެސް އެބަހުއްޓެވެ. ރަށު މީހުން މި އިމާރާތަށް ކިޔާ އުޅެނީ "ބަޑިގެ" އެވެ. ރަށުގެ ޖަމްޢިއްޔާތަކާއި ރަށު ކައުންސިލް ގުޅިގެން އެތަން ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދެއެވެ. އެސަރަހައްދުގައި އިނގިރޭސީން ސިމެންތިން ފެން ހިންދާ ކާނުތަައް ހަދާ، ފެން މޫަދަށް ހިނދޭނެ ނިޒާމެއް ގާއިމުކުރިއެވެ. އަދި ގެތަކަށް ފެން ފޯރުކޮށްދިނުމަށް ވަޅެއް ބަަހައްޓާ، ގުންބާ ( ހޭންޑް ޕަމްޕް) ހަރުކުރިއެވެ. ނަމަވެސް އަހަރުތައް ފާއިތުވާ ވަރަކަށް އެތަންތަން ދަނީ ވެލި އެޅި ފޮރުވެމުންނެވެ.
ކެލާގައި ހިންގި އިނގިރޭސީންގެ ރޯޔަލް އެއަރފޯސްގެ މަރުކަޒުގައި ހިނގާދިޔަ ކަންތައްތައް އިސްމާޢީލް ކަތީބު އަދިވެސް ވަރަށް ރަނގަޅަށް ހަނދާންހުރެއެވެ. އެއް ރެއަކު އެ މީހުންގެ މަތިންދާބޯޓެއްގައި އަލިފާން ރޯވެ، އެމަރޖެންސީގައި ބޯޓު ޖެއްސި ހާދިސާ އިސްމާޢީލް ކަތީބު ސިފަކޮށްދިނެވެ. އެ ހާދިސާގައި މަރުވި ދެ ޕައިލެޓުންގެ ތެރެއިން އެކަކު ވަޅުލާފައިވަނީ ކެލާ ތުނޑީގައެވެ. އަނެކަކު ވަޅުލީ ކެލާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ކުޑަރަށުގައެވެ. އެ ބޯޓު ކެލާ ފަޅުތެރެއަށް އަޑިއަށް ދިއުމުން ކެލާ ކައިރި ރަށްތަކުގެ މީހުން، ޚާއްޞަކޮށް ކުޅުދުއްފުށީ މީހުން އައިސް އެ ބޯޓުގެ އެލްމިނިއަމް ޝީޓުތައް ގެންދިޔައެވެ. މިހާރުވެސް އެ ބޯޓުގެ އެއް ފިޔަގަނޑުގެ އޮނިގަނޑު ފެންނަން އެބައޮތެވެ. ކެލާގެ ރައްޔިތުން ބުނާގޮތުގައި ބޯޓުގެ ކޮކްޕިޓް އަދިވެސް ކެލާ ވިލުގައި ވާނެއެވެ.
އިސްމާޢީލް ކަތީބު ހަނދާނުން މަޖާ ދުވަހެއްގެ ގޮތުގައި ސިފަކޮށްދިނީ އިނގިރޭސިން ތިބޭ ޢިމާރާތްތަކުގެ ވަށައިގެން ހުރި ފާހަގަތަކަކާ ގުޅިގެން ރަށުގެ ބޮޑުކަތީބާއެކު ވަރަށް ކުއްލި އަދި ސީރިއަސް ބައްދަލުވުމެއް ބޭއްވި ދުވަހެވެ. އެ ފާހަގަތައް އިނގިރޭސީންނަށް ސިފަވިކަމަށްވަނީ ޖަޕާނު ބަހުގެ އަކުރުތަކަކާއެވެ. އެހެންކަމުން އެއީ ޖަޕާނު މީހުން ދޭ އިންޒާރެއްކަމަށް ހީކޮށް އިނގިރޭސީން ވަރަށް ކަންބޮޑުވެ، ސެކިއުރިޓީ ވަރުގަދަކުރިެއެވެ. ނަމަވެސް އެ ފާހަގަތަކަކީ ބަރަވެލި ދުވުމުގެ ސަބަބުން ހެދިފައިވާ ފާހަގަތަކެއްކަމަށް އެރަށު މީހުން ހެމުން ބުންޏެވެ.
ކެލާގައި ހުރި އަސްކަރީ މަރުކަޒުގައި 11 މަސް ވަންދެން އިނގިރޭސީން ތިއްބެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން، ގެންގުޅުން ތަކެތި ބަހައްޓާފައި އެމީހުން ކެލާ ދޫކޮށް ދިޔައީއެވެ. އޭރު އެމީހުން ބަހައްޓާފައި ދިޔަ ހުރިހާއެއްޗެއް އޭރު ދައުލަތުން މާލެ ގެނައީވެ.
ދިވެހި ދައުލަތުގެ ފަރާތުން ކެލައަށް ޒިޔާރަތްކުރި ބެއެއް އޮފިޝަލުން
(އިސްމާޢީލް ކަތީބުގެ ހަނދާނުން)
- ކެރަފާ އަޙްމަދު
- މަސްއޮޑި ކަލޭފާނު
- އިބްރާހީމް ޙަސަންމަނިކު
- ޙަސަން އަފީފް (ޞަލާޙުއްދީންގެ ކާފަދަރި)
- ބަގީޗާގޭ ދޮން ދީ ދީ
- ހޯރަފުށީ މުދިން ތަކުރުފާން
ރޯޔަލް އެއަރފޯސް މަރުކަރަކުގައި މަސައްކަތްކުރި މަސައްކަތުމީހުން
(އިސްމާޢީލް ކަތީބުގެ ހަނދާނުން)
- އަކޯ އާދަނު :– ދޮވެ އިސްތިރިކުރުން
- ދޮންބެ ޢަލީ : – ތަށިދޮވެ ސާފުކުރުން
- ތޮޅޭ ތުއްތު: – މަސައްކަތު މީހެއް
- އިސްމާޢީލް ކަތީބު: – ކެލާ ފޯކަލް ޕޮއިންޓް
- އިނގިރޭސި މޫސާ : މަސައްކަތު މީހެއް
މަސްދަރު: އައިޑިއާސް ކެލާ ވެބްސައިޓް
ލިއުނީ: އާދަމް ސަނީޒް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!