ސަރުކާރުގެ ހިންގުމުގެ ނިޒާމްތަކަށް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންނެވެ. ކުރީ ޒަމާނުގައި ހެދިފައި ހުރި ޤާނޫނާއި ޤަވައިދުތައްވެސް އެދަނީ މިޒަމާނާއި ގުޅޭ ގޮތުން ބަދަލުވަމުންނެވެ. ބައިސްކަލާއި ރެޑިއޯ ފަދަ އެއްޗެހި ރަޖެސްޓްރީ ކުރަންޖެހުނު ޒަމާން މިހާރު ވަނީ މާޒީވެފައެވެ. އެހެނަސް މިދެންނެވުނު ބަދަލުތަކުގެ ތެރެއިން ބަދަލުވަމުން އަންނަނީ މަރުކަޒީ ސަރުކާރާއި ގުޅުންހުރި ކަންކަމަށެވެ. އަތޮޅުތެރޭގެ ކަންކަމަށް މިދެންނެވި ޒަމާނީ ބަދަލުތައް އައުމުގައި އުނދަގޫ ގޮތްތަކެއް އެބަހުއްޓެވެ. މާ ބޮޑު ޤާނޫނަކުން ނުވަތަ ޤަވައިދަކުން ނޫން ގޮތަކަށް ބަދަލު ކުރެވެން ހުރި ކަންކަން ނުކުރެވި ލަސްވާކަން ފާހަގަކޮށްލަންޖެހެއެވެ.
މުވާސަލާތީ ހިދުމަތްތައް ދަތި ދުވަސްވަރު މާލެ އާއި ރަށްރަށަށް މުވާސަލާތް ކުރުމަށް ލިބުނު އެންމެ ބޮޑު ލުޔަކީ "ވޯކީ ޓޯކީ" އެވެ. ރަށުގެ އަތިރި މަތީގައި "ވޯކީ ޓޯކީ ގެ" އަޅައިގެން އަތަށް ހެޔޮ ވަރު "ޓޯކީ" ހިފައިގެން ރަށު އޮފީހުގެ މީހަކު ނުކުމެ މައުލޫމާތު ނެގި ޒަމާން ފާއިތުވިޔަސް އެފަދަ ގޮތަކަށް މައި ސަރުކާރަށް މުއާސަލާތު ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. ކައުންސިލްތަކުން އެޝަކުވާ ދަނީ ކުރަމުންނެވެ. ހދ އަތޮޅު ކައުންސިލްގެ މެންބަރ އަޙްމަދު އާތިފް ވަނީ އެޝަކުވާ ފޭސްބުކް ޕޯސްޓެއްގެ ގޮތުގައި ބަންޑުން ކޮށްލާފައެވެ.
”ރަށުކައުންސިލްތަކުން އެ ލިޔުން ފޮނުވާނީ އަތޮޅު ކައުންސިލަށް، އަތޮޅު ކައުންސިލްއިން ފޮނުވާނީ އެހެން އަތޮޅު ކައުންސިލްތަކަށް، އަތޮޅު ކައުންސިލްތަކުން އެއަތޮޅުގެ ރަށްތަކަށް، ސާފުވެގެން ހަމަ ބެކް ކުރާނީ އެރޫޓުން، އެއީ ވަރަށް ގިނަ ވަގުތު މިކަހަލަ އައިޓީ ޒަމާނެއްގައި.“ އާތިފް އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވިއެވެ.
އާތިފްގެ މިޝަކުވާ އަކީ ގިނަ ކައުންސިލަރުންގެ ޝަކުވާއެވެ. ސަރުކާރުން ލިޔުމެއް ހޯދަން ބޭނުންވިޔަސް "ވޯކީ ޓޯކީ" ގެ ޒަމާނުގައި ވާހަކަ ދެއްކި އުސޫލުން އެއް ރަށުން އަނެއް ރަށަށް އެވާހަކައެއް އަންނަމުން އައިސް ލިބެންޖެހޭ ފަރާތަށް އަންނަ އުސޫލަކީ މިޒަމާނާއި ނުބައްދަލު އުސޫލެކެވެ. އެހުރިހާ މަޢުލޫމާތު ޕޯޓަލްއެއްގެ ޒަރީޔާއިން ހުރިހާ ކައުންސިލްތަކަށް ލިބެން ހުންނަ ނަމަ ވަގުތު ސަލާމަތްވެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުވެސް ދާދިފަހުން މަޖިލީހުގައި ވަނީ މިފަދަ ޝަކުވާއެއް ބަންޑުންކޮށްލާފައެވެ. ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިފާއު ވިދާޅުވީ ”ރައްޔިތު މީހާއަށް އެމީހާ ހުންނަ ރަށުގެ ކައުންސިލް މެދުވެރިކޮށް ފަސޭހަ ކަމާއި އެކު އަވަސް ޚިދުމަތް ލިބެންޖެހޭ“ ކަމަށާއި "ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ވެގެން ދާއިރުވެސް އަދި ޤާނޫނަކަށް ގެންނަ ކޮންމެ ބަދަލެއްވެސް ވާންޖެހޭނީ ލާމަރުކަޒީ ސިފަ ޖެއްސުމަށް ސަމާލުވާން އެބަ ޖެހޭ“ކަމަށެވެ.
ގިނަ ބައެއްގެ ޝުޢުރު ހުރީ "ވޯކީ ޓޯކީ"ގެ ޒަމާނުގެ ބަދަލުގައި "ވިއުގައެއްގެ ތެރޭން" ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެހޭނެ ގޮތެއްވުމެވެ. ފަސޭހަ ކަމާއި އެކު އަވަހަށް ހިދުމަތް ލިބޭނެ ގޮތެއް ހަމަޖެހުމަކީ ރައްޔިތުންގެ އުންމީދެވެ. ޓެކްނޮލޮޖީގެ މިޒަމާނުގައި މިކަންކަން ކުރުމަކީ އުނދަގޫ ކަމަކަމަށް ވެގެން ނުވާނެއެވެ. ޓެކްނޮލޮޖީ މިނިސްޓްރީއެއް އުފެދިފައި އޮންނައިރު މިކަންކަމަކީ އުނދަގޫ ކަމަކަށް ވެގެންނުވާނެއެވެ. މިސާލަކަށް ދާދިފަހުން އެމިނިސްޓްރީއިން ވަނީ ރާއްޖޭގެ ރަށްތަކާއި ބެހޭ މައުޟޫމާތު ހިމެނޭ ވެބްސައިޓެއް ތަޢާރަފްކޮށް ހުރިހާ ކައުންސިލްތަކާއި ގުޅިގެން އެސައިޓް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ. ރައްޔިތުންނާއި ބެހޭ މައުޟޫމާތުގެ ވިއުގައި މިހާރުވެސް ޕޮލިސް، ކަސްޓަމް، އާސަންދަ، އައިޖީއެމްއެޗް ފަދަ މުއައްސަސާތަކުން ބޭނުންކުރަމުންދާއިރު އެއުސޫލުން ކައުންސިލްތަކަށްވެސް އެފަސޭހަ ލިބިގެންދާންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!