ށ. ފީވަކު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު އިތުރު މީހެއް ފީވަކުން ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ އެރަށުން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަ ވިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއްޔެ އަންގާފައި ވަނިކޮށެވެ.
މިއަދު ފީވަކުން ކޯވިޑަށް ޕޮޒިޓިވްވީ އަންހެނެއް ކަމަށް އެ ރަށުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އެމީހާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލުންކަމަށް އެމީހާ މަޢުލޫމާތު ދިނެވެ.
މިއަދު ޕޮޒިޓީވްވި މީހާއާއި އެއް ގެއެއްގައި އިތުރު ބަޔަކުވެސް ހޯމް ކަރަންޓީނުގައި ތިބުމުން، އެމީހުންގެ ހޯމް ކަރަންޓީނުގެ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.
އިއްޔެ ބަލިން ފަސޭހަވި، ފީވަކު ހޯމު ކަރަންޓީނުގައި ހުއްޓާ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި މީހާ އެ ބައްޔަށް ޕޮޒިޓިވްވީ 2020 ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ.
ފީވަކުން އިތުރު މީހަކު ކޯވިޑަށް ޕޮޒިޓިވްވިއިރު މިއަދު ރާއްޖެއިން ވަނީ 121 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އިއްޔެ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 62 މީހުންނެވެ.
މިއަދު ރާއްޖެއިން އަލަށް 121 މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 9،173 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!