ރާއްޖޭގެ މަސްވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރު ނުކުރެވެންވީ ކީއްވެ ހެއްޔެވެ. ދިވެހި މަސްވެރިކަން ވެސް، ބިލިއަން ޑޮލަރަށް އަރުވަން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ. ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތަށް ނަމަވެސް މަސްވެރިކަން އިސްތިހާރު ނުކުރަނީ ކީއްވެ ހެއްޔެވެ.
ކޯވިޑް-19އާ އެކު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެތައް ބިލިއަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓްރީ މި އޮތީ އެކީހެން ހުއްޓިފަ އެވެ. މިއިންޑަސްޓްރީ އަލުން ކޮޅަށް ޖެހޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މަސްވެރިކަން އޭގެ ނިސްބަތުން ކުރިއަށް އެބަ ދެ އެވެ. މަސް އެކްސްޕޯޓްކުރެވެ އެވެ.
މަސްވެރިކަމުން ރާއްޖެ އަށް ލިބޭ އާމްދަނީ އުޅެނީ ގާތްގަނޑަކަށް އަހަރަކު 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގަ އެވެ. ޓޫރިޒަމް ދާއިރާއިން އަހަރަކު ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބެ އެވެ.
ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކިހާވަރެއް ހަރަދުކުރޭ؟
2018ވަނަ އަހަރު ފަތުރުވެރިކަން އިސްތިހާރުކޮށްފައިވަނީ 50 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. 2019ގެ ބަޖެޓުގައި މި ޢަދަދު ތިން ގުނައަށް ބޮޑުކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށެވެ. ފަތުރުވެރިކަން އިސްތިހާރު ކުރުމަށް 2020 ވަނަ އަހަރު 154 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް 2020ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.
ފަތުރުވެރިކަން އިސްތިހާރު ކުރަނީ ލޯކަލް ޓޫރިޒަމާއި ގެސްޓް ހައުސް މާކެޓަށްވެސް އެކަމުން އެކަށީގެންވާ އެކްސްޕޯޝަރއެއް ލިބޭގޮތަށެވެ. ފަތުރުވެރިކަން އިސްތިހާރުކުރުމަށް 2019ވަނަ އަހަރަށްވެސް ކަނޑައަޅާފައިވަނީ 154 މިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކަނޑައެޅި އެންމެބޮޑު ޢަދަދެވެ.
މަސްވެރިކަން އިސްތިހާރު ކުރަން ކުރާ ހޭދަ ކުޑަ
ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތަށް ނަމަވެސް މަސްވެރިކަން އިސްތިހާރު ކުރެއްވިއްޖެނަމަ ލިބޭ ފައިދާ މާ ބޮޑުވާނެކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެރެނަލް އާދަމް ޒިޔާދު ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންވިދާޅުވެފައިވެއެވެ.
ޒިޔާދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި މަސްވެރިކަން އިސްތިހާރު ކުރެވިއްޖެނަމަ އިތުރު މާކެޓްތައް ލިބި މަހަށް ލިބޭ އަގު ރަނގަޅުވާނެކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ވައްޓަފާޅި ބޭރުގެ ޤައުމުތަކުގެ މާކެޓްތަކަށް ފޯރުކޮށްދެވޭނެ ގޮތް ހަދަންޖެހޭކަމަށާއި، އެކަން ކުރެވޭނީ އިސްތިހާރު ކޮށްގެންކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔޭގައި އިސްތިހާރު ކުރާ ގޮތް އަޅުގަނޑުމެންނަށް އެބަފެނޭ. ބޭރުގެ ބަސްތަކުގަޔާ، ޓީވީ ޗެނަލްތަކުގަޔާ ހަމަ އެތަން މިތާންގަ ބޮޑުކޮށް އިސްތިހާރު ކުރަމުންދޭ. ދިވެހިރާއްޖޭގެ މަސްވެރިކަމަކީވެސް ހަމަ އެހާ ޔުނީކު، ބޭރުގެ ފަރާތްތަކުގެ ސަމާލުކަން އޮތް ކަމެއް. ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތްކުރާ މިންވަރަކަށް ވިޔަސް އަޅުގަނޑުމެންގެ މަސްވެރިކަން އިސްތިހާރު ކުރެވިއްޖެ ނަމަ މަހަށް ލިބޭ އަގުވެސް ރަނގަޅުވާނެ. އަދި އަޅުގަނޑުމެންނަށް އިތުރު މާރކެޓް ތަކަށް ވަނުމުގެ ފުރުސަތުވެސް ލިބޭނެ".
އާދަމް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާ ޚިލާފަށް މަސްވެރިކަމާ ދަނޑުވެރިކަމުގެ ނަފާއަކީ މައިގަނޑު ގޮތެއްގައި ސީދާ ދިވެހި އާއިލާތަކަށް އަންނަ ދެ ސިނާއަތްކަމަށެވެ
"ފަތުރުވެރިކަމުގެ ވަރަށް ބޮޑު އެއްޗެއް ދިވެހިރާއްޖެއިން ބޭރުވެގެންދަނީ. މަސްވެރިކަމުން ސީދާ އަޅުގަނޑުމެންގެ ދިވެހި އާއިލާތަކަށް ފައިސާ މި އަންނަނީ. ފަތުރުވެރިކަމުން އެފެންނަވަރުގެ ބޮޑު އާމްދަނީއެއް ނުފެނުނު ކަމުގައި ވިޔަސް ދިވެހިރާއްޖެއަށް އޭގެ މަންފާ މާބޮޑުވާނެ މަސްވެރިކަމުގެ ސިނާއަތުގައި".
ޒިޔާދު ވިދާޅުވިއެވެ.
ރާއްޖޭގެ މުޅި އިޤްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އިރު، މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ގާތްގަނޑަކަށް މިވަނީ ހުއްޓިފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ. މިހާލަތުގައިވެސް މަސްވެރިންގެ ހިއްވަރަކަށް ބަދަލެއް ނާދެއެވެ. މިއީ ހަމައަކަނި ފަތުރުވެރިކަމަށް ބަރޯސާވެފަ އޮތް އޮތުމުން ފިލާވަޅު ލިބިގަނެ އިތުރު ވިސްނުންތަކަށް ދާންވީ ވަގުތެވެ.
ވޭކަޕް ކޯލްއެއް
ޒިޔާދު އިތުރަށްވިދާޅުވީ، ކޯވިޑް-19 މިވީ އެންމެންނަށްވެސް "ވޭކަޕް ކޯލް" އަކަށެވެ. މިކަމުން އަންގައިދެނީ ބޭރުގެ ޤައުމުތަކަށް ބަރޯސާވެގެން ތާ އަބަދު އޮވެވެން ނެތްކަން ކަމަށެވެ.
"ކޯވިޑް-19ގެ ހާލަތާ އެއްކޮށް ޤައުމުގެ އިޤްތިސާދު މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ. މިހުރިހާ ދުވަހު ވިސްނިފަ އޮތީ ނޫނީ ޤަބޫލްކުރެވިފަ އޮތީ ފަތުރުވެރިކަމާއެކީ އަޅުގަނޑުމެންނަށް ހިފަހައްޓާލެވޭނެއޭ. ބޮޑަށް އިންވެސްޓް ކުރަންވީ އެ ދިމާލަށޭ. ދިވެހިރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވި ވަރަކަށް އަޅުގަނޑުމެން ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރެވެމުން ދާނެއޭ. އެހެންނަމަވެސް ކޯވިޑް-19 މިވީ އަޅުގަނޑުމެން އެންމެންނަށްވެސް ވޭކަޕް ކޯލަކަށް. މިހާލަތާއެކު އެންމެންނަށްވެސް މި ފާހަގަކުރެވުނީ ބޭރުގެ ޤައުމުތަކަށް ބަރޯސާވެގެން އަބަދު ތިބެވެން ނެތްކަން. އެއާއެކު މަސްވެރިކަމާ ދަނޑުވެރިކަން ފުޅާކުރުމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވެމުން މިދަނީ".
ޒިއާދު ވިދާޅުވިއެވެ.
މިއީ"މަސްވެރިކަން" ނަގާ ކޮޅަށް ޖަހަންވީ ވަގުތު
މިހާލަތުގައިވެސް މަސްވެރިކަމަކަށް ބަދަލެއް ނާދެއެވެ. މަސްވެރިންގެ ހިއްވަރަކަށްވެސް ބަދަލެއް ނާދެއެވެ. މަހަށް ފުރާ ފުރުމަކަށްވެސް ބަދަލެއް ނާދެއެވެ. ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކުގެ އިތުރުން ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓުމަކަށް ނާދެއެވެ. މަސްވެރިންގެ ހިއްވަރު ހުރިކަން މިދަނީ ސާބިތުކޮށްދެމުންނެވެ.
ދިވެހި މަސްވެރިކަން ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއަކަށް ހެދެން އޮތްކަން ގަބޫލުކުރަން ޖެހެ އެވެ. ކުރިމަގަށް ފިޔަވަޅެއް އެޅޭނީ އެގޮތަށް ފުރަތަމަ ގަބޫލުކޮށްގެންނެވެ. ކާބަފައިންގެ ޒަމާނުންފެށިގެން ދާދި ފަހަކާ ޖެހެންދެން ދިވެހިންގެ މައިގަނޑު މަސައްކަތީ މަސްވެރިކަމެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެ ފަތުރުވެރިކަން ފުޅާވުމާ ހަމައަށް ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މަސްވެރިކަމެވެ. އޭރު މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ.
ދިވެހިންގެ "ލޭނާރު"ގެ ގޮތުގައި މަސްވެރިކަން ސިފަކޮށްފައިވަނީ ސަބަބުތަކެެއް ނެތިއެއް ނޫނެވެ. އޭރު ހަދާފައިވާ ބައެއް ލަވަ ތަކުގައި "މަސްވެެރިން ހިއްސާނުވާ ދެ ފުރާޅު ޖެއްސި ގެއެއް ނެތޭ' މިފަދަ ލަވަތަކުން ވެސް ރާއްޖޭގެ މަސްވެރިކަން އޮތް ހާލަތު ވަރަށް ރަނގަޅަށް ސިފަވެގެން ދެއެވެ.
ރާއްޖޭގެ މަސްވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރުކޮށް މަސްވެރިކަން އިތުރަށް ފުޅާކުރަން ސަރުކާރާއި މުވައްސަސާތަކުން ވާގިވެރިވާން އެބަޖެހެއެވެ. ކޮރޯނާވައިރަސްގެ މިއާލަމީ ވަބާގެ ތެރެއިން ނުކުންނަ އިރު، ކުރިމަގުގެ އިގުތިސާދީ ބިންގާ ވަރުގަދަކުރަން ދުއްވައިގަންނަން ޖެހިފައި މި އޮތީ މަސްވެރިކަމަށެވެ. މާޒީ ދެން އަތެއް ނުލެވޭނެ އެވެ. އެކަމަކު ކުރިމަގު އަތުލެވެން އެބަ އޮތެވެ.
ޓޫރިޒަމްއާ އެއްވަރު ނުވިޔަސް، މަސްވެރިކަން ވެސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިންޑަސްޓްރީއަކަށް ނުހެދެންވީ ސަބަބަކީ ކޮބައިތޯ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!