މަރުގެ ބޮޑެތި މައްސަލަތަކާ ދިފާއީ ވަކީލުން ހަވާލުވާން ފަސް ޖެހޭތީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ނުރުހުން ފާޅު ކުރައްވައިފިއެވެ.

ފަނޑިޔާރު ނުރުހުން ފާޅު ކުރެއްވީ ލޮރެންޒޯ ޕާކް ތެރޭގައި ހުއްޓާ 2012 ވަނަ އަހަރު މަރާލި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް 16، ގެ މަރުގެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) ގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލާގައިި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

Ad
rt

އަރުހަމް މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރި ނަމަވެސް އޭގެ ތެރެއިން ކުށް ސާބިތުވީ އެންމެ މީހަކަށެވެ. އެއީ ލ. މާވަށް އެވަބްލޫ މުހައްމަދު ވިސާމްގެ މައްޗަށެވެ. އޭނާ މަރަން ހުކުމްކުރި އިރު ދެން ތިބި ތިން މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރި އެވެ. ކުށް ސާބިތު ނުވެ ސަލާމަތްވީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފިޔާން އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އަދި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފެވެ. ޕީޖީގެ ފަރާތުން އެ ތިން މީހުންގެ ބައި ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

"އަވަސް" ނޫހުގައި ލިޔެފައިވާ ގޮތުގައި ހައިކޯޓުގައި ބޭއްވި މި މައްސަލާގެ ދެވަނަ އަޑު އެހުމުގައި މި ތިން މީހުންގެ ވެސް ވަކީލަކީ ވަކީލް އަލީ ޝާހެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމަށް ތިން މީހުން ވެސް ވަކީލުންނާއެކު ހާޒިރު ނުވާތީ ވަނީ ވަކީލަކު ހޯދަން ފުރުސަތު ދިފައެވެ.

"އަވަސް" ގައި ވާ ގޮތުން އަލީ ޝާހް ވަނީ މައްސަލާގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. މިއަދަށް އޭނާއަށް ޖަވާބު ތައްޔާރު ކުރެވިފައިނުވާ ކަމަށް ވިދާޅުވި އެވެ. އެއީ އޭނާއަށް މައްސަލާގެ ލިޔުންތައް ލިބުނީ އިއްޔެ ކަމަށާއި މައްސަލައާ ހަވާލުވެ ލިޔުން ކޯޓަށް ވެސް ހުށަހެޅީ މިއަދު ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. ވަކީލުން ހޯދަން އެހާ ގިނަ ދުވަސް ނެގީ ކީއްވެތޯ އާއި އެންމެ ވަކީލަކު އައްޔަންކުރީ ކީއްވެގެންތޯ އެއްސެވި އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޝާހު ވިދާޅުވީ މައްސަލާގައި ތިން މީހުން ވެސް ވަކީލުން ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މައްސަލައިގެ ބާވަތުން އެއްވެސް ވަކީލަކު މައްސަލަ ނަގަން ބޭނުން ނުވުމުން އޭނާ މައްސަލައާ ހަވާލުވީ ކަމަށެވެ. އެއާއެކު، ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ވަކީލުން ނުވަނީ ކީއްތޯ އާއި މައްސަލައިގެ ބާވަތުން ވަކީލުން ނުވަނީ ކީއްވެތޯ އައްސަވާފަ އެވެ.

ޝާހް ވިދާޅުވީ މަރުގެ މައްސަލަތަކުގައި އުޅޭ ވަކީލުން ބޭނުން ނުވާ ކަމަށެވެ. އެއީ މުޖުތަމައުގެ ހާލަތު އޮތް ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ. ޝާހް ވިދާޅުވީ ކަމުގެ ހޫނުކަން އެނގޭނީ އެކަން ކުރާ ބަޔަކަށް ކަމަށެވެ. މުޖުތަމައުގެ ހާލަތު އޮތް ގޮތުން މިފަދަ މަރުގެ މައްސަލަތަކުގައި މީހުންގެ ދިފާއުުގައި ވަކާލާތު ކުރުމަކީ އޭގެ ސަބަބުން މީހުންގެ ނުރުހުމާއި އިންޒާރުތަކާއި ފުރައްސާރަތައް ވަކީލުންނަށް ލިބޭ ކަމެއް ކަމަށެވެ.

އެ ވާހަކައާ ވަރަށް ބޮޑަށް ނުރުހުންވެ ފަނޑިޔާރު ނިޔާޒު ވިދާޅުވީ ވަކީލުންނަކީ ވަކި ޕްރޮފެޝަނަކަށްވާއިރު މައްސަލައިގެ ބާވަތުން ވަކިވަކި މައްސަލަ ހޮވައިގެން ވަކީލުން ހަވާލުވުމަކީ މައްސަލައެއް ކަމަށެވެ. އަދި ވަކީލުން ވާން ޖެހެނީ ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މައްސަލަތަކާ ހަވާލުވެ އެމީހުންގެ ޒިންމާ އަދާ ކުރަން ޖެހޭނެ ބައެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"އަވަސް" ގައި ލިޔެފައިވަނީ ބަންޑާރަ ނައިބުގެ ފަރާތުން ގެންގުޅޭ ވަކީލުން މީހުންނަށް ފޯރުކޮށްދެނީ ކިހިނެއްތޯ ފަނޑިޔާރު ނިޔާޒު، ޕީޖީއާ ސުވާލު ކުރެއްވުމުން ވަކީލް ރާބިއު ވިދާޅުވީ ދައުލަތުން ވަކީލުން ފޯރުކޮށްދިނުމުގައި އުސޫލުތަކެއް ހުންނަ ކަމަށެވެ. އަދި ހާއްސަކޮށް މަރުގެ މައްސަލަތަކުގައި ދައުލަތުން ވަކީލުން ހަމަޖައްސައިދޭން އިސްކަން ދޭ ކަމަށެވެ. ނަމަވެސް މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު ދައުވާ ލިބޭ މީހުން އަމިއްލަ ވަކީލުން ގެންގުޅުނު ކަމަށާއި އެހެންވެ އެމީހުންނަކީ ވަކީލުން އައްޔަން ކުރުމުގެ ތަނަވަސްކަން ހުރި ބައެއްކަން އެނގޭ ކަމަށެވެ. އަދި ފަހުން ދައުލަތުގެ ވަކީލަކު އައްޔަން ކޮށް ދިނުމަށް ދައުވާ ލިބޭ މީހުން އެދިފައި ނުވާކަން ވެސް ރާބިއު ފާހަގަ ކުރެއްވި އެވެ.

ސުފްޔާން އާއި އާތިފް ބުނީ ވަރަށް ގިނަ ވަކީލުންނާ ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެއްވެސް ވަކީލަކު އެއްބަސްނުވި ކަމަށެވެ. އަދި ވަކީލުންގެ އަގާއި ޑިމާންޑް ވެސް ވަރަށް ބޮޑު ކަމަށް އެމީހުން ބުންޏެވެ. އޭގެ އިތުރުން ވަކީލަކު ނުލިބިގެން ދައުލަތުގެ ވަކީލެއް ހަމަޖައްސައިދޭން އެދެވެން އޮންނަ ކަމުގެ މައުލޫމާތު އެމީހުންނަށް ލިބިފައި ނުވާ ކަމަށް ވެސް ބުންނެފައިވާ ކަމަށް "އަަވަސް" ގައި ލިޔެފައިވެއެވެ.