މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ހިސާބުތަކުގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދޭއިރު، އެ ގެސްޓް ހައުސްތަކަށް ޗުއްޓީއަށް އައިސް ފުރާ ފަތުރުވެރިންގެ އަތުގައި ކޯވިޑް ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮންނަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަނުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ އެ ނިންމުމަކީ ޑޮކްޓަރުންގެ އިރުޝާދާއިއެކު ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ.
އައްސަދު ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ފަތުރުވެރިން ފުރާ ރަށްތައް ކޯވިޑުން ރައްކާތެރިވެފައިވާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.
މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ހިސާބުތަކަށް، އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމައި، އެ މިނިސްޓްރީއިން ކުރިން އާންމުކުރެއްވި ކަންކަމުގެ އިތުރަށް ޑޮކްޓަރުންގެ އިރުޝާދާއިއެކު މިހާރު ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ވެސް ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާ އޮންނަން ޖެހޭ ކަމަށް ވެސް އައްސަދު ވިދާޅުވިއެވެ.
އައްސަދު ފާހަގަ ކުރެއްވިގޮތުގައި ރަށްތަކުގެ ގެސްޓުހައުސް ހުޅުވާލާނީ އެރަށްތަކުގެ ރައްޔިޔުންގެ އާނބަސް ލިބިގެން ކަމަށާއި، އެ ރަށްތަކުގެ ގެސްޓުހައުސް ހުޅުވުމަށް ހުއްދައަށް ކައުންސިލުން މިނިސްޓްރީގައި އެދޭ ގޮތަށް ހަމަޖައްސާފައި ވުމުން، މިނިސްޓްރީއިން ޤަބޫލު ކުރަށްވަނީ ކައުންސިލުން މިނިސްޓްރީގައި އެ ހުއްދައަށް އެދެން ޖެހޭނީ ރައްޔިތުންނާއި މަޝްވަރާ ކޮށްފައި ކަމަށެވެ.
ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ.
އަލުން ގެސްޓުހައުސްތަށް އޮޕަރޭޓްކުރަން ފެށުމުގެ ހުއްދަ ދޫކުރާއިރު، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުން ޓޫރިޒަމް ނިސްޓްރީން އެންމެ ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ޕާމިޓެއް ކަމުގައި ނިންމާފައިވާއިރު، ގެސްޓްހައުސް ހުޅުވާ ރަށެއްގައި ގެސްޓުން ކަރަންޓީންކޮށް އަދި އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހުންނަން ޖެހެ އެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ޓްރާންސްޕޯޓުގެ ހިދުމަތް ހާއްސަކޮށްފައި ވެސް ހުންނަން ޖެހެ އެވެ.
އެރަށެއްގައި ކޯވިޑް ޓާސްކް ފޯހެއް އޮންނަން ޖެހޭއިރު އެ ޓާސްކް ފޯހުގެ ކެޕޭސިޓީ ކަނޑައަޅާނީ އެޗްޕީއޭއިން ނެވެ. ރަށްރަށުގައި ހުންނަ ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓު ވެސް އެޗްޕީއޭގެ ގައިޑްލައިންސްއާ އެއްގޮތަށް ހުންނަން ޖެހޭއިރު އެރަށްރަށުގައި ފްލޫ ކްލިނިކެއް ހުރުމާއި، އަދި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.
ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!