މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށައަޅާފައިވާ ގަރާރާއި ގުޅޭ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މި ގަރާރު ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރު މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށައަޅުއްވާދެއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އެވެ.

Ad
rt

މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ހުށައަޅާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ މިވަގުތު ރާއްޖޭގައި ހުރި ޝިޕިންގ އޭޖެންޓްސް އަދި ލޮޖިސްޓިކް ކޮމްޕެނީތަކުގައި މަސައްކަތްކުރާ ދިވެހިންގެ ޢަދަދު އިތުރު ކުރުމަށާއި ވަކި މިންގަނޑެއް ނެތި އިމްޕޯޓު ފްރައިޓް ކޮންޓްރޯލު ކުރަމުންދާއިރު، އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާ ކަމަށެވެ. އަދި އަދި އެކަމާގުޅޭ މިންގަނޑުތަކެއް ޓްރާންސްޕޯޓު މިނިސްޓްރީން އެކުލަވާލައިފިނަމަ އެކަން ޙައްލުވެގެންދާނެ ކަމަށް ވެސް ގަރާރުގައި ވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މާޗެންޓް ޝިޕިންގެ ޤާނޫނެއް އެކުލަވައިލުމުގެ މުހިންމުކަމަށާއި މީހުން ތަމްރީނުކުރުމަށް ލޯނު ސްކީމެއް ތަޢާރަފު ކުރުމަށާއި ރާއްޖޭގައި ޝިޕިންގ އިންޑަސްޓްރީ ހަރުދަނާވުމާއި، ބޯޓު ދަތުރު ކުރާ މީހުންނަށް އަޅާލުމުގެ މުހިންމުކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށާއި މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެންޝަންގެ ދަށުން ދޫކުރަމުން އަންނަ ފޮތެއް ނަމަވެސް އައިއެލްއޯގެ މިންގަނޑުތަކަށް އެ ފޮތް ނުފެތޭ ކަމަށް މިގަރާރު ހުށައަޅައިދެއްވަމުން ރާއީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެފޮތުގެ ވެރިފަރާތަކީ ސީމަނެއް ކަން ދެނެގަންނާނެ އެއްވެސް ސަލާމަތީ ފީޗާއެއް ނުހުންނަ ކަމަށާއި އެކަމަކީ ބޯޑަރު ކޮންޓްރޯލް ކުރާ ފަރާތްތަކަށް 11 ސެޕްޓެމްބަރު 2000 އިން ފެށިގެން ސީރިއަސް ސެކިއުރިޓީ މައްސަލައަކަށް ވެފައިވާ ކަމަކަށް ވާއިރު، އެކަމުގެ ސަބަބުން ސީމަނުންނަށް ބައެއް ގައުމުތަކަށް ނުފޭބި، ޖޫރިމަނާތައް ކުރިމަތިވެ އެ ފަރާތްތަކަށް ވަޒީފާ ހޯދަން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ގަރާރުގައިވެއެވެ.

އެހެން ކަމުން އެގަރާރުގެ ބޭނުމަކީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުން ކަމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިން ލައިނެއް އުފެއްދުން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

މެމްބަރު ރާއީ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ 1990 ގެ އަހަރުތަކުގައި ރާއްޖޭގައި 1000 އަށް ވުރެ ގިނަ ސީމަނުން ތިބި ކަމަށާއި އަދި އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ރާއްޖެއަށް ލިބެމުން ދިޔަކަން އެނގޭ ކަމަށެވެ. ނަމަވެސް ސީމަނުން ނެތެމުން ގޮސް މިހާރު އެ އަދަދު 300 އަށް ދަށްވެފައިވާ ކަމަށެވެ.

އެހެންކަމުން މެރިޓައިމް އިންޑަސްޓްރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ގަރާރުގައި ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އެކުވެރި ގައުމުތަކުގެ އެހީގައި ނުވަތަ ސަރުކާރުގެ ލޯން ސްކީމުގެ ދަށުން، މެރިޓައިމް އިންޑަސްޓްރީއަށް ދެ ޖިންސުގެ ދިވެހި ޒުވާނުން ތަމްރީނުކޮށް، ފަންނުގެ ތަޖުރިބާ ހޯދޭނެ ޕްރޮގްރާމްތައް ފަހިކުރުން ހިމެނެއެވެ.

މި ގަރާރު ދިރާސާ ކޮށް، ކޮމިޓީން 6 ކަމެއް ހުށައަޅާފައިވެއެވެ. ކޮމިޓީން ހުށައަޅާފައިވަނީ (SEAFARER'S IDENTITY DOCUMENT(SID ތަޢާރަފްކޮށް ސީމަނުންނަށް ލިބޭނެ ގޮތް ހެދުމަށެވެ. އަދި މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ރީސްޓްރަކްޗަރކުރުމާއެކު، އެ ތަނަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭނެ ތަނަކަށް ހެދުމަށެވެ.

ތިލަދުން | Thiladhunރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފިރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރަރު ހުށަހަޅާ...

މީގެ އިތުރުން ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މެރިޓައިމް ދާއިރާއަށް މީހުން ތަމްރީނު ކުރުމަަށް ކޮމިޓީން ހުށައަޅާފައިވާއިރު ޝިޕިންގ އަދި ލޮޖިސްޓިކް ދާއިރާގައި ދިވެހި ކުންފުނިތައް ހަރަކާތްތެރިވުން އިތުރު ކުރުމަށް މަގުފަހިކޮށްދިނުމާއެކު، އެ ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރު ކުރުމަށް ލާޒިމް ކަމަށް ވެސް ހުށައަޅާފައިވެއެވެ.

މި ގަރާރު ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.