މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަން ކުރުމަށް ޓަކައި ފަސްބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން، އެ ނަންތައް ދިރާސާކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ 8 ބޭފުޅެއްގެ ނަންފުޅެވެ. އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވީ މިމަހުގެ 12 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި އެވެ.
މީރާ ބޯޑަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމުމަށްފަހު، އެ ކޮމެޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 5 ބޭފުޅެއް ނަންވަނީ ތަޅުމަށް ފޮނުވަން ނިންމާފައެވެ.
ކޮމިޓީން ފާސްކުރި 5 ބޭފުޅުންގެ ނަންތައް:
- މުމްތާޒު އަބްދުއްރަޝީދު، މުރިނގު ހދ.ހަނިމާދޫ
- ލީނާ މުހައްމަދު ޒާހިރު ހުސެއިން، ހ.ނީލްވިލާ
- ހުޝާމް ވަހީދު، ގ.މާލެހިޔާ 2 30-15
- އަލީ އިރުފާން، ޑޭލައިޓްވިލާ ސ. މަރަދޫފޭދޫ
- އާއިޝަތު އަޝާ އަލީ، ހ.އީސްޓްވާޑް
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އެބޯޑުގަ މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު މިމަހުގެ އަށްވަނަ ދުވަހަށް ހަމަވުމާއި، އެހެން މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މީރާގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ ފަސީހު ޒާހިރެވެ.
މީރާގެ ބޯޑުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ފަސް މެމްބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.
މީރާ ބޯޑުގެ އިތުރަށް ސިވިލްސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނު ކުރުމަށްޓަކައި، އެ ކޮމިޝަނަށް އައްޔަން ކުރުމަށް ބޭނުންވާ 4 މެމްބަރުން ކަނޑައެޅުމަށް 15 ނަމެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިން މިހާރު ވަނީ ތަޅުމަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!