ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުން މޮޅުވެ ބަޔާން މިއުނިކް އެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

ބަޔާން އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ފްރާންސްގެ ލިޔޯންގެ މައްޗަށް 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

Ad
rt

މުޅި މެޗުގައި ވެސް ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ގްނާބްރީއެވެ. ދެވަނަ ލަންޑު ވެސް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ގްނާބްރީއެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ފަހު ހާފުގައި ވެސް ބަޔާނުންވަނީ ގިނަ ހަމަލާތަކެއް ލިޔޯންގެ ގޯލަށް ފޮނުވައިލާފައެވެ. މިގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަޔާނުން ވަނީ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމިޗްގެ އެހީތެރިކަމާއެކު އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މި މުބާރާތުގެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ބަޔާން މިއުނިކް މުބާރާތުގެ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.