ކޯވިޑް-19 ބަލީގައި ރާއްޖެއިން 41 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:34 ގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 24 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

Ad
rt

މިއީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ކޯވިޑް ބަލީގައި ނިޔާވި ދެވަނަ މީހާ އެވެ. އިއްޔެ ހަވީރު 5:36 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އޮތް އުމުރުން 64 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ވަނީ ނިޔާވެފައި ވެފައެވެ. އެއީ މިބަލީގައި ރާއްޖެއިން ނިޔާވި 23 ވަނަ މީހާއެވެ.

މިބަލީގައި ނިޔާވި 22 ވަނަ މީހާ އޯގަސްޓް 14 ވަނަ ދުވަހު ނިޔާވެފައި ވާއިރު، އޭނާއަކީ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ އިތުރުން އޯގަސްޓް 12 ވަނަ ދުވަހު މިބަލީގައި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައި ވާއިރު އޭނާއަކީ މިބަލީގައި ރާއްޖޭގައި ނިޔާވި 21 ވަނަ މީހާއެވެ. އަދި އެބަލީގައި ނިޔާވި 20 ވަނަ މީހާ ނިޔާވެފައި ވަނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ. އެއީ 67 އަހަރުގެ ފިރިހެނެކެވެ.

އެޗްޕީއޭއިން ރޭ ބުނީ، އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 124 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހީންނާއި، 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 3 މީހަކާއި ނޭޕާލް 2 މީހަކާއި، ފިލިޕީންސް މީހަކާއި، ޔޫކުރެއިން މީހަކާއި އަދި އޮސްޓްރޭލިއާ މީހެކެވެ.

އިއްޔެ އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 118 މީހުންނެވެ. އަތޮޅުތެރެއިން 6 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،909 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،389 މީހުން ތިބިއިރު، 138 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 3،488 މީހުންނެވެ.