ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތެރެއިން އުތުރުން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ބޮޑު ތަކުރުފާނު ޒަމާނުގައި ހދ. ނޮޅިވަރަމްއަށް ނިސްބަތްވާ ފަނޑިޔާރަކު ހިމެނޭކަމަށް ތާރީޚީ ފަތްފުތް ތަކުން އެނގެންއޮވެއެވެ. މީގެ އިތުރުން ދެވަނައަށް އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އަހުމަދު ފާއިޒު ހުސައިންއެވެ. ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ.

މިވަގުތު ދިވެހިރާއްޖޭގައި އެންމެ ގިނަބަޔަކު ބަހުސްކުރަމުންދާ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަަލައެވެ. އެ މަގާމަށް ޖުމްލަ ހަ ފަރާތެއް ވާދަކުރަމުންދާއިރު، އޭގެ ތެރެއިން ދެ ފަރާތަކީ ތިލަދުންމަތީގެ ފަޚުރުވެރި ދަރީންނެވެ. ދިވެހިރާއްޖޭގެ މަތީ ފަންތީގެ މަގާމުތަކުގައި މިސަރަހައްދުގެ ފަރާތްތައް ތިބުމަކީ ރައްޔިތުން އުފާ ކުރަންޖެހޭނެ ކަމެކެވެ. އެހެންކަމުން މި ދެ ފަރާތުގެ ވަނަވަރަށް ބަލާލަމާ ތޯއެވެ

Ad
rt

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް

ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންދާ ފަނޑިޔާރު މުހައްމަދު ނިޔާޒު އަކީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އަލްއުސްތާޛް މުޙައްމަދު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރައްވާފައިވެއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު

ފަނޑިޔާރު އަލީ ސަމީރަކީ ހދ.ނައިވާދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.

ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު މާރޗް 26 ވަނަ ދުވަހު ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަނޑިޔާރު ސަމީރު ވަނީ ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނަވައިފަ އެވެ.

ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަމީރު އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަ އެޑްމިން އޮފިސަރު ކަމާއި، މަދަނީ ކޯޓުގެ ގާޒީ ކަމާއި، މަދަނީކޯޓުގެ އިސް ގާޒީ ކަން ހިމެނެ އެވެ. ފަނޑިޔާރު އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރެއްވީ 26 މާޗް 2011 ގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅަކު ވާދަކުރުމަކީ އުފާކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް ޕާޓީގެ ކުލަތަކާއި ނުފޫޒުގެ ކުރިމަތީގައި ތިލަދުންމަތީގެ މަޖިލިސް މެންބަރުން މި ފަރާތްތަކަށް ވޯޓުލާނެތޯ މިވަނީ ސުވާލު އުފެދިފައެެވެ. މީގެ ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރި ތިލަދުންމަތީގެ ފަރާތަކަށްވެސް ދާއިރާގެ މެންބަރުން ވޯޓުލިއެވެ. މިފަހަރު އެކަން އިއާދަ ވާނެތޯއެވެ.