ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަން ކުރައްވާފައިވާ އަދި މިހާރު ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންދާ ފަނޑިޔާރު މުހައްމަދު ނިޔާޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ބެންޗަށް އަލަށް އައްޔަންކުރާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހުޅުވާލައިފަ އެވެ.

Ad
rt

ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ފަނޑިޔާރު ނިޔާޒުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންދާ ފަނޑިޔާރު މުހައްމަދު ނިޔާޒު އަކީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރައްވާފައިވެއެވެ. ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒު ހައިކޯޓްގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ކުރިމަތިލައްވާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދެ ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުވައި ލަފައަކަށް އެދިވަޑައިގެންފަ އެވެ. އެ ދެ ބޭފުޅުންނަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން އާއި ހައިކޯޓުގެ ކުރީގެ ގާޒީ އަޒްމިރަލްޑާ ޒާހިރު އެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 12:00ގައި ވަނީ ހަމަވެފައެވެ.