ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު ހއ. އަދި ހދ. އަތޮޅުގެ 12 ރަށަކުން ބައިވެރިވެއްޖެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މިފަހަރުގެ މުބާރާތުގައި ބޮޑު ތިލަދުންމަތީގެ ރަށްތައް ހިމެނެނީ ޒޯން އެކެއްގެ ގޮތުގައެވެ.

Ad
rt

އެގޮތުން ޒޯން އެކެއްގައި ހއ. އަތޮޅުގެ ފަސް ރަށެއް ބައިވެރިވެފައިވެއެވެ. އެއީ ހއ. އިހަވަންދޫ، ހއ. ވަށަފަރު، ހއ. ތުރާކުރު، ހއ. ކެލާ އަދި ހއ. މާރަންދޫ އެވެ.

މި ޒޯންގައި އެންމެ ގިނަ ރަށަކުން ބައިވެރިވެފައިވަނީ ހދ. އަތޮޅުންނެވެ. އެގޮތުން ޖުމްލަ 7 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ ކުޅުދުއްފުށި، ކުމުންދޫ، ނެއްލައިދޫ، ނާވައިދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި މަކުނުދޫ އެވެ.

މި ޒޯންގައި ށ. އަތޮޅުގެ ހަތަރު ރަށެއް ބައިވެރިވެފައިވެއެވެ. އެއީ ބިލެއްފަހި، މަރޮށި، ފީވަށް އަދި ގޮއިދޫ އެވެ.

މި އަންނަ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ރޭ ފެށުމަށް ހަމަ ޖެހިފައިވާ މި އަހަރުގެ މުބާރާތުގައި ޒޯން އެކެއްގެ މެޗުތަކުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އާދީއްތަ ދުވަހު ވަނީ ބާއްވާފަ އެވެ. މި ޒޯންގެ ފުރަތަމަ މެޗުގައި 15 ވަނަ ދުވަހު ހދ. ކުމުންދޫއާ ހދ. ނޭކުރެންދޫ ވާދަކުރާނެއެވެ.

މި މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ދެން ކުޅޭނީ ޒޯން ބުރެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. އެއަށްފަހު މުބާރާތް ކުރިއަށްދަނީ ގުރު ނަގައިގެން ޖެހޭ ޓީމަކާ ވާދަކުރާ ގޮތަށެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު މުބާރާތެވެ.