ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހެއް ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއި އެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.
މިކަން ހާމަކުރަށްވައި އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ކޯވިޑް-19 ބަލީގައި މިއަދު 1:38 ހާއިރު އުމުރުން 71 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ނިޔާވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި އެ އަންހެން މީހާ އައިޖީއެމްއެޗަށް މިއަދު ހެނދުނު ގެންދިޔައީ ނޭވާލާން ދަތިތަކެއް ވެގެންނެވެ.
ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3567 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 983 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2554 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 6 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 76،937 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 657 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!