ހަނިމާދޫގައި އަލަށް އިމާރާތް ކުރެވުނު މި ސްކޫލު ނިންމައި ބޭނުން ކުރަން ފެށިފައިވަނީ 2016 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާއިއެކުއެވެ. މި އިމާރާތް ދަރިވަރުން އުނގެނުމަށް ބޭނުން ކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާއިރު، ރަށަށް ވާރޭ ވެހިއްޖެނަމަ ހަނިމާދޫ ސްކޫލުގެ ގޯތިތެރެ އޮންނަ ގޮތުގެ މިފަދަ އެތައް ފޮޓޯއެއް ސޯޝަލް މީޑީއާގައި މީގެކުރިން ވެސް ދަޢުރުވެފައި ވެއެވެ. މިއީ ރަށަށް ބޯކޮށް ވާރޭ ވެހޭ ހަމަކޮންމެ ދުވަހެއްގެ ވެސް އެތަނުގެ ހާލަތެވެ.

ހަނިމާދޫ ސްކޫލަކީ މިހާރު ވެސް 470 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން އަންނަ ސްކޫލެކެވެ. މިއީ ހދ.އަތޮޅުގެ ނިސްބަތުން ވެސް ދަރިވަރުން ގިނަ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ. ވުމާއެކު ވާރޭވެހޭ ކޮންމެ ފަހަރަކު ސްކޫލުގެ ގޯތިތެރެ މި ހާލަތަށް ވެއްޓިގެން ދާނަމަ ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެގެން އަންނާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެވެ.

Ad
rt

މި މައްސަލަ ހައްލު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއިއެކު ފެން ހިންދުމުގެ ނިޒާމެއް މިހާރު ވެސް އެތަނުގައި ޤާއިމް ކުރެވިފައިވާނެ ކަމަށާއި، ނަމަވެސް އެތަނުގެ ފެންހިންދާ ނިޒާމު ޤާއިމް ކުރެވިފައިވަނީ ގޯތިތެރެއަށް ވެލި އެޅުމުން އެ ނިޒާމް މަސައްކަތް ކުރާ ގޮތަށެވެ. މިއަދާ ހިސާބަށް ވެސް އެތަނަށް ވެލި އެޅިފައިނުވާތީވެ ވާރޭވެހޭ ކޮންމެ ދުވަހަކު ސްކޫލުގެ ހާލަތު މި ޖަރަޖައަށް ވެއްޓިގެންދާ ކަމުގައި އެ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.

މި ނޫހަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުހްސިން ލަތީފް ވިދާޅުވެފައިވަނީ ހަނިމާދޫ ސްކޫލުގެ އައު އިމާރާތުގެ ގޯތިތެރޭގައި ފެން ހެދޭ މައްސަލަ ހައްލު ކުރުމަށް މިއަދާ ހިސާބަށް ވެސް ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. މިގޮތުން މިހާރު އެތަނުގައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ގޯތިތެރެއަށް ވެލިއެޅުން ކަމަށްވާތީވެ މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި، ރަށު ކައުންސިލާއި އަދި ހަނިމާދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުލް ޤަފޫރޫ މޫސާއައި ވެސް އެތައް ފަހަރަކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެ ހުރިހާ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވަނީ މިކަން ހައްލު ނުކުރެވި ލަސްވެގެން ދަނީ އެތަނަށް އެޅުމަށް ބޭނުންވާ ވެލި ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. ހަނިމާދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ފެށުމާއެކު އެތަނުން ކޮނެގެން ނެގޭ ވެލި ބޭނުން ކޮށްގެން އެ މަސައްލަ ހައްލު ކޮށްދެއްވާނެ ކަމުގައި މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ފާއިތުވި ޖޫންމަހު ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީންވަނީ ފައްޓަވާފައެވެ. ބަނދަރުގެ މަސައްކަތް ފެށުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމަށް އެޑްރެސް ކުރައްވައި މިކަމުގެ އެހީތެރިކަމަށް އެދި ސިޓީއެއް ވެސް ފޮނުވިފައިވާ ކަމަށާއި، އެ ސިޓީގެ ޖަވާބު އަދި ލިބިފައި ނުވާކަމަށާއި، މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީން އެންމެ ފަހުން ވިދާޅުވެފައިވަނީ އެކަން ކުރިއަށް ދާކަމުގައެވެ.

މުހުސިން އިތުރަށް ވިދާޅުވީ ސްކޫލުގެ ގޯތިތެރޭ ފެންހެދޭ މައްސަލައާއި ގުޅިގެން ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން އިންތިހާއަށް އޮންނަ ކަމަށާއި، މިގޮތަށް ފެންހެދޭ ކޮންމެ ފަހަރަކު އެ ފެންގަނޑު ހިނދެން ވެސް ދުވަސްނަގާކަމަށެވެ. ވުމާއެކު ސްކޫލުގެ ރަސްމީގަޑީގައި ކުދިންގެ ފިލާވަޅުތަކާއި ގުޅިގެން ބޭރުގައި ގެންދަންޖެހޭ ހަރަކާތްތަކާއި، އަދި ސްކޫލުގެ ގޯތިތެރޭގައި ކުރިއަށް ގެންދާ ގިނަ އިތުރު ހަރަކާތްތަކަށް މިކަމުގެ ސަބަބުން ހުރަސް އެޅެމުން އަންނަ ކަމަށެވެ.

ގިނަ ކުލާސްތަކެއްގެ ފުރާޅުގައި ޖަހާފައިވާ ޓިނު ފޫގޮސް މިހާރު ވެސް ގިނައަދަދެއްގެ ކުލާސް ރޫމަތަކަށް ވާރޭ ވެހެމުން ދާކަމަށާއި، އަދި ގޯތިތެރޭ ފެންބޮޑުވާ ކޮންމެ ފަހަރަކު ބައެއް ކުލާސް ރޫމްތަކުގެ މުށިތަކުގެ ދަށުން ވެސް ފެންއަރާކަމުގައި މުހްސިން ވިދާޅުވެފައިވެއެވެ. ސްކޫލުގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަނަނަ ކަމަށާއި ނަމަވެސް ބައެއް ކަންކަން ހައްލުނުވެ ދިގުލައިގެން ދާދިއުމަކީ އެ ސްކޫލުގެ އެންމެހާ ފަރާތްތަކުން ވަރަށް ބޮޑު ކަންބޮޑުވުމެއް ގޮތުގައި އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ހަނިމާދޫ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިން އުންމީދަކީ މި ގޮންޖެހުންތަކުން އަރައިގަނެވި ރަނގަޅު އުފާވެރި އަދި ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާޙައުލަކަށް ހަނިމާދޫ ސްކޫލުގެ މާޙައުލް ބަދަލުވެގެން ދިއުމެވެ.