ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދު އާރާސްތު ކުރުމަށް، މެދު ރާސްތާގައި އަޅާނެ ފިޔަވަޅުތަކާއި މެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގ އެންޑް އިކޮނޮމިކް ރިކަވަރީ" އާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރަށްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރަގަނެ، އިޤްތިޞާދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާއިމެދު ރައީސް ޞާލިޙް، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގ އެންޑް އިކޮނޮމިކް ރިކަވަރީ" އާއި ބައްދަލުކުރައްވައި، މަޝްވަރާ މަޝްވަރާ ކުރައްވައިފި ކަމަށެވެ.

Ad
rt

މި މަޝްވަރާތައް ކުރިއަށް ގެންދެވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައި އެވެ.

"މި ބައްދަލު ކުރެއްވުމުގައި، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެންބަރުންގެ މަޝްވަރާއަށް ދެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މި ގޮތުން ހުށަހެޅުއްވި ފުރަތަމަ ޕްރެޒެންޓޭޝަންގައި، ކޯވިޑް-19 ގެ ސަބަބުން މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލި އަޅުއްވައި ލެއްވިއެވެ."

ރައީސް އޮފީހުން ބުނެފައި ވެއެވެ.

"މީގެ އިތުރުން، ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ޚިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް މި ޕްރެޒެންޓޭޝަންގައި ހިމަނުއްވާފައި ވެއެވެ. މި ކަންކަމުގެ މައްޗަށް އަލި އަޅުއްވައި ލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެމްބަރުންވަނީ، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ."

ރައީސް އޮފީހުން އިތުރަށް ބުނެފައި ވެއެވެ.

މިބައްދަލު ވުމުގައި އިޤްތިޞާދުގައި ދަނޑުވެރިކަމުގެ ދައުރު އިތުރަށް ފުޅާކޮށް، ދަނޑުވެރިކަމަކީ އިޤްތިޞާދުގެ މުހިންމު ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އިން ވަނީ ހުށަ ހަޅުއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސް ޞާލިޙާއި، ޓާސްކްފޯރސްގެ މެމްބަރުން ވަނީ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާކެޓްކޮށް ވިއްކުމާއި، ސަޕްލައި ޗެއިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ މަސައްކަތްތައް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް އަލި އަޅުއްވައި ލައްވާފައި ވާކަމަށެވެ.

މީގެ އިތުރުން، މި ސިނާޢަތް ތަރައްޤީ ކުރުމުގައި ދަނޑުވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާއިމެދު ވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.