މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ.

" اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ "

Ad
rt

މާނައީ: "އޭ ދާވޫދުގެފާނުގެ އާލުންނޭވެ! (އެކަލާނގެއަށް) ޝުކުރުވެރި ވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލުކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށް މަދެވެ."

ޝުކުރުވެރި ވުމަކީ ކޮބައިތޯއެވެ؟

އެއީ ތިމާއަށް ލިބިފައިވާ ނިޢްމަތްތަކުގެ މަތީންހަނދާކޮށް އެކަން ހިންމަވާދެއްވާފައިވާތީ މާތް ﷲ އަށް ޙަމްދުކޮށް ޘަނާދެއްނެވުމެވެ. އަދި އެނިޢްމަތްތަކަށް ރައްކާތެރިވެ އެނިޢްމަތްތައް ފިލައިނުދާނެ ގޮތެއްގެމަތީން ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ.

މުސްލިމުންނަށް ލިބިފައިވާ އެންމެބޮޑު ނިޢްމަތަކީ އިސްލާމްކަމުގެ ނިޢްމަތެވެ. މި ނިޢްމަތަށް ޝުކުރުވެރިވުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރުގަދައަށް ހިފަހައްޓައި އެދީނުގެ ޝަރްޢާއެއްގޮތަށް ތިމާގެ ޙަޔާތް ކުރިއަށް ގެންދިއުމެވެ. ދީނުގެ ހައިބަތު ގެއްލިދާނެ އެއްވެސް ކަމެއް ތިމާގެ ބަހުންވިޔަސް އަދި ޢަމަލުންވިޔަސް ނުދެއްކުމެވެ. ހަމައެއާއެކު ދީނަށްޓަކައި ހިތުގައިވާ ޣީރަތްތެރިކަން ފިސާރި ވަރުގަދަކުރުމެވެ.

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ނިޢްމަތްތަކަކީ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢަމަތްތަކެކެވެ. ނެތުމުގެ ތެރެއިން ތިމާ އުފައްދަވައި މިދުނިޔޭގައި ދިރިހުރި ސޫރާގައި ލެއްވުމާއި، ތިމާގެ ޙަޔާތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމުގެ ހުރިހާ ޢުންޞުރުތަކެއް މިބިމުގައި ލައްވާފައިވުމާއި، ހެޔޮނުބައި ވަކިކުރެވޭނެ ބުއްދި ތިމާއަށް މިންވަރުކޮށްދެއްވުމާއި ، ޢިލްމިވެރިކަމާއި ތަނަވަސްކަމާއި ، ފުރިހަމަ ޞިއްޙަތު މިންވަރު ކޮށްދެއްވުމަކީ ކޮންފަދަ ބޮޑެތި ނިޢްމަތުތަކެއްތޯއެވެ؟

މިއިން އެއްވެސް ނިޢްމަތަކަކީ ތިމާގެ ކުޅަދާނަކަމުން ނުވަތަ ހުށިޔާރުކަމުން ލިބިފައިވާ އެއްޗެއްކަމުގައި ނުދެކޭށެވެ! އިންސާނުންނަށް ލިބިދީފައިވާ ކުޅަދާނަކަމުން މިއިންއެއްވެސް ކަމެއްހިފެހެއްޓެމުގެ ބާރުވެސް އަދި ބަދަލުކުރުމުގެ ބާރުވެސް އަހަރުމެނަށް ލިބިގެންނުވެއެވެ.

ނިކަން ވިސނައި ފިކުރު ކުރަމާތޯއެވެ؟ އަމާންކަމުގެ ނިޢްމަތް އިޙްސާސުކުރަން މިއަދު އެއްވެސް މީހަކަށް ދަތިކަމަކަށް ވޭތޯއެވެ؟ މުޅި ދުނިޔެ ބޮޑު ނާމާންކަމެއްގެ ތެރެއަށް ހުށަހެޅިފައިވާއިރު އަހަރުމެން އެންމެންވެސް މިތިބީ މިކަމުން ސަލާމަތްވުމަށް ނުކުދިފައެވެ. ދުނިޔެއަށް ލިބިފައިވާ ހުރިހާ ބާރަކާއި އާރެއް ބޭނުންކުރަމުންދާއިރުވެސް އަދިވެސް މިތިބީ މިބިރުވެރިކަމުން ދުރަން ނުދެވިފައެވެ. މިކަމުން މިންޖުވާނެގޮތެއް ނުފެނިފައެވެ. އަހަރުމެން އިންސާނުންގެ ލޮލަށް ނުފެންނަ ވައިރަހެއްގެ ޒަރީޢާއިން އެތައްމިލިޔަން ބަޔަކު ބަލިވެ އަދި އެތައްލައްކަ ފުރާނައެއް ނެތިވެ ގޮސްފިއެވެ.

" ފަހެ މި ގެފުޅުގެ ވެރިފަރާތަށް އެބަހީ؛ (ކަޢުބަތުﷲ ގެ) ވެރިފަރާތަށް ތިޔަބައިމީހުން އަޅުކަން ކުރާހުށިކަމެވެ. އެކަލާނގެއީ ތިޔަބައިމީހުންނަށް ބަޑުހައިހޫނުކަމުން ސަލާމަތްވުމަށް ކާންދެއްވައި އަދި ބިރުވެރިކަން ފިލުވުމަށްޓަކައި އަމާންކަން ތިޔަބައިމީހުންށް މިންވަރުކޮށްދެއްވި ރަސްކަލާނގެއެވެ. "

ޙަޔާތުގެ މަސައްކަތް ބިނާކުރެވިފައިވަނީ ބަނޑުފުރާނަ މުއްތިކުރުމާއި އަމާންކަމުގައި ދިރިއުޅުމަށެވެ. އާދަމުގެދަރީން ކުރާކޮންމެ ކަމަކީ މިދެ ޟުރޫރިއްޔަތު ޔަޤީން ކުރުމަށް ކުރާމަސައްކަތެކެވެ. ﷲ ތަޢާލާގެ މިންވަރުފުޅާއެކު، މިނިޢްމަތްތައް އަހަރުމެންނަށް ލިބިފައިވާތީ އެކަލާނގެއަށް ޝުކުރުވެރިވާން ނުވޭތޯއެވެ؟

ޝުކުރުވެރިކަމާއެކު ޙަޔާތުގެ ދުވަސްތައް ވޭތުކުރުން އަހަރުމެނެގެ މައްޗަށް ލާޒިމެވެ. ސަބަބަކީ، ނިޢްމަތްތައް އިތުރުވެ ބާއްޖަވެރި، އުފާވެރި ދިރިއުޅުމެއް ޔަޤީންކުރެވެންއޮތީ ﷲ ތަޢާލާއަށް ގިނަގިނައިން ޝުކުރުވެރިވެ ތިބޭ ނަމައެވެ.

" لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (7) "

" ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ، އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."