ބޮޑުތިލަދުންމައްޗަކީ އިހުޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅުތައް ބަހާފައިވާ ތޭރަ ބަޔަށް ބަލާއިރު އެންމެ އުތުރުގެ އަތޮޅެވެ. އިދާރީގޮތުން ތިލަދުންމަތި ބަހާފައިވާ ދެބައިގެ ތެރެއިން ތިލަދުންމަތީ ދެކުނުބުރި (ހދ އަތޮޅު) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅެނީ ޖުމްލަ 13 ރަށުގައެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ އަތޮޅު) ގައިވެސް މީހުން ދިރިއުޅޭ 14 ރަށެއް އޮވެއެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން ހއ އަތޮޅާއި ހދ އަތޮޅުގައިވެސް ދިރިއުޅޭ އާބާދީ ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ ކުޑައެވެ. މިއަހަރުގެ ޖޫންމަހާ ހަމައަށް ހއ އަތޮޅުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އާބާދީ ޖުމްލަ 23،191 އަށް އަރާއިރު، ހއ އަތޮޅުގައި ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވާ އާބާދީއަކީ 13،269 މީހުންނެވެ. މިއީ ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ %43 ދަށް ޢަދަދެކެވެ. ހދ އަތޮޅުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އާބާދީ އަކީ 27،126 އެވެ. ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވާ އާބާދީއަކީ 19،808 މީހުންނެވެ.

Ad
rt

އަތޮޅުތެރޭގެ ރަށްރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީއާއި އަޅާބަލާއިރު ދިރިއުޅޭ އާބާދީ މަދުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ހިޖުރަކުރުމެވެ. އެގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މާލެއަށް ހިޖުރަކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ. 2014ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އައްޑޫ ސިޓީއާއި ގދ އަތޮޅަށްފަހު ހއ އަތޮޅާއި ހދ އަތޮޅަށް ނިސްބަތްވާ މީހުންނެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން %4 އަކީ ހއ އަތޮޅަށް ނިސްބަތްވާ މީހުންނެވެ. އަދި ހދ އަތޮޅުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އިންސައްތައަކީވެސް %4 އެވެ.

ހއ އަތޮޅުގެ ވަކިވަކި ރަށްރަށަށް ބަލާއިރު، ރަޖިސްޓްރީވެފައިވާ އާބާދީއާއި އަޅާކިޔާއިރު ދިރިއުޅޭ އާބާދީ އެންމެ ބޮޑީ އިހަވަންދޫގައެވެ. އިހަވަންދޫގައި 3،400 މީހުން ރަޖިސްޓްރީވެފައިވާއިރު އެރަށުގައި ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވަނީ 2،524 މީހުންނެވެ. މިއީ ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ %26 ދަށް ޢަދަދެކެވެ. ރަޖިސްޓްރީވެފައިވާ އާބާދީއާއި އަޅާކިޔާއިރު ދިރިއުޅޭ އާބާދީ އެންމެ ކުޑައީ ތަކަންދޫގައެވެ. ތަކަންދޫގައި 931 މީހުން ރަޖިސްޓްރީވެފައިވާއިރު އެރަށުގައި ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވަނީ 345 މީހުންނެވެ. މިއީ ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ %63 ދަށް ޢަދަދެކެވެ.

ހދ އަތޮޅުގައި ރަޖިސްޓްރީވެފައިވާ އާބާދީއާއި އަޅާކިޔާއިރު ދިރިއުޅޭ އާބާދީ އެންމެ ބޮޑީ ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގައި 10،046 މީހުން ރަޖިސްޓްރީވެފައިވާއިރު އެރަށުގައި ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވަނީ 8,758 މީހުންނެވެ. މިއީ ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ %13 ދަށް ޢަދަދެކެވެ. އަތޮޅުގެ އެހެން ރަށްރަށާ އަޅާބަލާއިރު ކުޅުދުއްފުށީގައި ދިރިއުޅޭ އާބާދީ ބޮޑުވުމުގެ އަސްލަކީ އަތޮޅުގެ ކުދި ރަށްރަށުން ކުޅުދުއްފުއްޓަށް ހިޖުރަކުރުން ކަމުގައި ވުން އެކަށީގެންވެއެވެ. ރަޖިސްޓްރީވެފައިވާ އާބާދީއާއި އަޅާކިޔާއިރު ދިރިއުޅޭ އާބާދީ އެންމެ ކުޑައީ ވައިކަރަދޫގައެވެ. ވައިކަރަދޫގައި 1،815 މީހުން ރަޖިސްޓްރީވެފައިވާއިރު އެރަށުގައި ދިރިއުޅޭ ކަމަށް އަންދާޒާކޮށްފައިވަނީ 798 މީހުންނެވެ. މިއީ ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ %56 ދަށް ޢަދަދެކެވެ.

ހއ އަދި ހދ ދެއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ރަޖިސްޓްރީވެފައިވާ އާބާދީއަށްވުރެ ދިރިއުޅޭކަމަށް އަންދާޒާކޮށްފައިވާ އާބާދީ ނިސްބަތުން ކުޑައެވެ. އެހެންކަމުން އަތޮޅުން ބޭރަށް ހިޖުރަކުރާ މީހުންގެ ޢަދަދު ގިނަވުމަކީ ދެއަތޮޅަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. 2014ވަނަ އަހަރުގެ ބޯހިނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށަށް ހިޖުރަކުރާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ހިޖުރަކުރާ ސަބަބަކީ ތަޢުލީމު ޙާޞިލްކުރުމެވެ. ދެވަނަ ސަބަބަކީ ވަޒީފާ ހޯދުމެވެ.

2054 ވަނަ އަހަރާ ހަމައަށް ހަދާފައިވާ ރާއްޖޭގައި ދިރިއުޅޭނެ މީހުންގެ އަންދާޒާ ރިޕޯޓުގައިވާގޮތުން 2054 ވަނަ އަހަރާ ހަމައަށް ދާއިރު ހދ އަތޮޅުގައި ދިރިއުޅޭ އާބާދީ 21،451 އަށް އިތުރުވާނެއެވެ. އެހެންނަމަވެސް ހއ އަތޮޅުގައި ދިރިއުޅޭ އާބާދީ 7،801 އަށް ދަށަށް ދާނެއެވެ.