އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ފުލުހުންނާއި، އޭސީސީ، ޕީސީސީއާރް އަދި މީރާ ގުޅިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ބުނެފައިވެއެވެ.

Ad
rt

އެގޮތުން މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވާނީ އޭސީސީން ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.

މިފަދަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ލިބުނު ފަސް ފުލުހަކު ދާދިފަހުން ވަނީ ވަޒީފާ އިން ސަސްޕެންޑް ވެސް ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ. އޮޑިޓް އޮފީހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދަޢުލަތަށް ވަނީވެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޚްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާ ކަމުގައި ދާދިފަހުން ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކުރީ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފަސް އަހަރަށް ޖަލަށްލާފައެވެ.