ރިސޯޓު ހަދަން މާލެ އަތޮޅުން އަލަށް ރަށް ދޫނުކުރަން ނިންމާ ޓޫރިޒަމް ނެތް ހިސާބުތަކަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އަލަށް ރަށްތައް ދޫކުރާއިރު، މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމީ މާލެ އަތޮޅުގައި ނުހެދި ގިނަ ރަށް ތަކެއް ހުރުމާއި ގިނަ ރަށް ތަކެއް ދޫކޮށްފައިވާތީ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އެ ކައުންސިލްގެ ލަފާ ހޯދައިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރިސޯޓުގެ ގޮތުގައި ދޫކުރަން ބޭނުންވާ ރަށްތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އަށް އިކޮނޮމިކް ކައުންސިލްގެ ލަފާ ލިބިފައިވާ ކަމަށާއި، އަމާޒަކީ އޮކްޓޫބަރު މަހުގެ ތެރޭ އެ ރަށްތަކުގެ މައުލޫމާތުތައް ހާމަކުރުން ކަމަށެވެ. މިގޮތުން ރިސޯޓު ހަދަން މާކެޓަށް ނެރޭ ރަށްތަކުގެ ލިސްޓެއް ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި ރިސޯޓު ހަދަން ދޫކުރުމުން ނުހެދި އޮތް 70 ރަށެއްގެ ތެރެއިން 21 ރަށެއްގެ މުއްދަތު އިތުރުކޮށް ދޭން އެދިފައިވާތީ އެ ޕްރޮސެސް މިހާރު ކުރިއަށް ދާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ވެސް 140 އަށް ވުރެ ގިނަ ރިސޯޓު ހިންގަ އެވެ. އަދި ޓޫރިޒަމާ ގުޅުންހުރި 132 މަޝްރޫއެއް ކުރިއަށްދެ އެވެ. ރާއްޖޭގައި ރިސޯޓުތައް އެންމެ ގިނައީ މާލެ އަތޮޅުގަ އެވެ. ރާއްޖޭގައި 140 ރިސޯޓު އޮތް އިރު މީގެ ތެރެއިން 47 ރިސޯޓު ހިންގަމުން ގެންދަނީ މާލެ އަތޮޅުގަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅުން 30 އަށްވުރެ ގިނަ ފަޅު ވަނީ ހިއްކައިގެން ރިސޯޓު ހަދަން ދޫކޮށްފަ އެވެ. އަދި މި ފަޅުތަކުގެ ތެރެއިން ބައެއް ފަޅުތަކުގައި ހެދި ރިސޯޓުތައް އަންނަނީ ހުޅުވަމުންނެވެ.
ސަރުކާރުން ވަނީ ނުހެދި ހުރި ރަށްތައް ހަދަން އިތުރު މުއްދަތު ދޭން ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮންސްޓްރަކްޝަން ޕީރިއަޑް (ސީޕީ) އާ ބެހޭ ގޮތުން ގަވާއިދެއް ހަދައި މުއްދަތު އިތުރު ކުރަން އެދުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އަލަށް ހެދި ގަވާއިދުގެ ދަށުން، ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ފައިސާ ޓޫރިޒަމް މިނިސްޓަރު ބޭނުން ތަނަކަށް ހޭދަ ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައި ވެއެވެ. އާ ގަވާއިދުގައިވާ ގޮތުން ފައިސާ ބަލައި ގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. އަދި އެ ފައިސާ ހޭދަ ކުރާނީ އެ ރަށެއް ހިމެނޭ އަތޮޅުގެ ރަށް ތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!