ރައްޔިތުންގެ މަޖިލީހުގައި "މަޖިލިސް ތަޅުން" މި ލަފްޒު ބޭނުން ނުކުރަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ އިލްތިމާސް ކޮށްފި އެވެ.
އިއްޔެ އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ހަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ރާޢީ ވިދާޅުވީ "މަޖިލީހުގެ ތަޅުމަށް" މިލަފްޒަކީ މަޖިލީހުގެ ތެރޭގައި އޮތް ވަރަށް ދުވަސްވީ ސަގާފަތެއް ކަމަށާއި ނަމަވެސް "ތަޅުން" މި ލަފްޒު ބޭނުން ކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ.
ރާޢީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބިލާއި ޤަރާރުތައް ހުށަހަޅަނީ މެމްބަރުން ވަރަށް މަސައްކަތް ކޮށްގެން ކަމަށާއި ނަމަވެސް އެ މަސައްކަތް ތައް "ތަޅުމަށް" ހުށަހެޅީމާ ކުރެވުނު މަސައްކަތް ތަކުގެ ބަރަކާތް ކެނޑޭ ކަމަށެވެ. ސަބަބަކީ ތަޅުމަކީ އޭގެ ޒާތުގައި އަޅުގަނޑުމެން އެތަނެއްގައި ދުވެ ހިނގާ ތަން ކަމަށް ވުމުން ކަމަށެވެ.
ރަޢީ ވަނީ "މަޖިލިސް ތަޅުން" ކިޔުމުގެ ބަދަލުގައި އެހެން ނަމެއް ނުވަތަ ލަފްޒެއް ބޭނުން ކުރަން ޖެހޭކަމަށެވެ. އަދި މިކަމަށް ދިވެހި ބަހުގެ އެކަޑެމީގެ އެހީ ބޭނުން ކުރެވޭނެ ކަމަށްވެސް ރާޢީ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުގެ އިލްސިމާސެއް އެއީ "ތަޅުން" މި ލަފްޒު ބޭނުން ނުކުރުން. މިއީ މަޖިލިސް ތެރޭގައި އޮތް ވަރަށް ދުވަސް ވީ ސަގާފަތެއް. އަކަމު އަޅުގަނޑުމެންގެ ތުއްތު ކުދިންނާ މިތަނަށް ވަންނަން ތިބި ކުދިންވެސް ބަލައިގަންނާނެ ބަދަލަކަށް ވާނެ ކަމަށް" މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވިއެވެ.
ރާޢީ އަށް ރައްދު ދެއްވަމުން މަޖިލީހުންގެ ރިޔާސަތުން، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ "ތަޅުން" މި ބަސް ބޭނުން ކުރަން މަޖިލީހުގެ ހިންގާ ގަވައިދުގައި އޮތް ކަމަށް އެބޭފުޅާގެ ހަނދާނަކަށް ނާންނަ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެ ބަހަކީ ރައީސް ނަޝީދަށް ބޭނުން ކުރެވެން ފެށި ބަހެއް ކަމަށެވެ.
"މަކުނޫ ދާއިރާގެ މެމްބަރު ތިޔަ ވިދާޅުވަނީ އެއީ މަޖިލީހުގެ ކަރާމާތް ގެއްލޭ ފަދަ ބަހެކޭ. އެހެންވީ މާ އަޅުގަނޑުމެން މުރާޖާ އަކަށް ދިޔުމަށް ރިސެސްގެ ދުވަސްވަރު ވަގުތު ހޭދަ ކުރާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!