އައްޑޫ ސިޓީ މީދޫގައި ދޮށީ އުމުރުގެ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ މައްސަލައިގައި އައްޑޫ މީދޫން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

Ad
rt

އެޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ އަންގާރަ ދުވަހު މީދޫ ކޯޓަށް ގެންދިއުމުން ގޭބަންދަށް ބަދަލު ކުރުމަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި ސިޓީ އަކުން މިހާރު އެދިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

އެ ޒުވާނާގެ ހައްޔަރުކޮށްފައިވަނީ އުމުރުން 64 އަހަރާއި 65 އަދި 66 އަހަރުގެ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ތުޙުމަތު ކުރެވިގެންނެވެ. އޭނާގެ މައްސަލަ އެންމް ފުރަތަމަ ހުށަހެޅުނީ، އުމުރުން 64 އަހަރުގެ އަންހެނަކު ރޭޕް ކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ބަލަމުން ދިޔައިރު އުމުރުން ދުވަސްވީ 65 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އިތުރު ދެ މީހަކަށް ވެސް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

18 އަހަރުން ދަށުގެ ދެ ކުއްޖަކު ރޭޕް ކުރަން އުޅުނު ދެ މައްސަލައެއް މާލެއިންވެސް ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ. މިފަދަ މައްސަލަތައް އަނެއްކާވެސް އާންމުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ކުއްކުރާ ފަރާތްތައް ގޭބަނދަށް ބަދަލު ކުރުމުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.