ވޭނާއި ކެކުޅުމަކީ ދަތުރުކުރަމުންދާ މުދައްރިސެކެވެ. އެ މުދައްރިސް ކޮންމެ ގެއެއްގެ ދޮރުގައިވެސް ޓަކިދެއެވެ. މުދައްރިސް ދެކޭގޮތުގައި އެންމެ ވިސްނުން ރަނގަޅުމީހުންނަކީ، މުދައްރިސަށް މަރުޙަބާކިޔައި، ކޮންމެހެން އެނގެންޖެހޭ ފިލާވަޅެއް ދަސްވުމުގެ ކުރިން މުދައްރިސް ފޮނުވާނުލާ މީހުންނެވެ :ލިނަން ދޯޔަލް މެލްޓަން
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ކޮންމެވެސް ކަހަލަ ހިތާމައެއް ތަޖުރިބާކޮށްފައިވާނެ މީހެކެވެ. ހިތުގައި ޖެހުން، ލޯބިވާ މީހަކު ގެއްލިދިއުން، ކަމަކާއި މާޔޫސްވުން މިކަހަލަ އެތައްކަމެއް ފާހަގަކުރެވިދާނެއެވެ. ފުން ހިތާމައެއްގެ ތެރޭގައި މިއަދުގެ ދުވަސްތައް ގުނަމުންދާއިރު، އެކަމުން އަރައިގަތުމަކީ ދުވަހަކުވެސް ވާނޭ ކަމެއް ނޫންކަމުގައި ހީވެދާނެއެވެ. މިއަދު ލިބެމުންދާ ހިތާމައަކީ ކޮންމެވެސް ދުވަހަކުން ރަނގަޅަކަށް ވާނޭކަމެއްގެ ގޮތުގައި ސިކުނޑިން ތަޝައްވަރުކުރަން މިއަދު އުނދަގޫވެދާނެއެވެ.
ކަން މިހެން އޮތްނަމަވެސް، އަޅުގަނޑުމެންނަށް އަބަދުވެސް ދިރިއުޅުމުގައި ކަންކަން ނިންމުމުގައި އިޚްތިޔާރު އޮވެއެވެ. އަޅުގަނޑުމެން ބަރުދާސްކުރަމުންދާ ހިތާމަތަކަށްވެސް އިޚްތިޔާރު އޮވެއެވެ. އަޅުގަނޑުމެން އިޚްތިޔާރުކުރަންޖެހޭނީ މިހާރު ލިބެމުންދާ ހިތާމައަކީ ކުރިޔަށްދިއުމަށް ލިބޭ އިތުރު ފުރުޞަތަކާއި ހިތްވަރެއްގެ ގޮތުގައި ތޯ ނުވަތަ ލިބެމުންދާ ހިތާމައިގެ ތޫފާނުގެ ތެރެއަށް ނަފްސް ދޫކޮށްލާނީ ތޯއެވެ.
ތިބާއަށް ލިބިފައިވާ ހިތާމަތައް، އިތުރު ކުރިއެރުމަށާއި ފުރުޞަތައް ބަދަލުކޮށްލުމަށް ތިރީގައި މި ފާހަގަކޮށްލާ 3 ކަންތައް ކުރެވިދާނެއެވެ.
ތިބާގެ އިޙްސާސްތައް ހޯދައި ދެނެގަންނާށެވެ
ތިބާގެ އިޙްސާސްތަކާއި ރައްޓެހި، އަދި އެ އިޙްސާސްތައް ބަލައިގަންނަން ތައްޔާރަށް ހުރިމީހަކަށް ތިބާ ވާންޖެއެވެ. ތިބާ ކަމަކާއި ދެރަވެ މާޔޫސްވާނަމަ، އެ އިޙްސާސެއް ފުންކޮށް ދިރާޝާކުރަން ޖެހެއެވެ. މިސާލަކަށް ދެރަވެ މާޔޫސްވާ އަސްލު ސަބަބަކީ ކޮބައިތޯ؟ އެކަމުގެ ސަބަބުން ކާމިޔާބު ނޫންމީހެއް ގޮތައް އިޙްސާސްވަނީތޯ؟ ނޫނީ އެކަމުގެ ސަބަބުން ފަހުން ވާނޭގޮތަކާއިމެދު މާ ބޮޑަށް ވިސްނެނީތޯ؟ ނޫނީ އެކަމުގެ ސަބަބުން ތިބާއަކީ އަގެއްނެއް މީހެއް ގޮތައް އިޙްސާސްވަނީތޯ؟ ދެރަވެ، މާޔޫސްވާ އަސްލު ސަބަބު ހޯދަންވާނެއެވެ.
ތިބާގެ އިޙްސާސްތަކާއި އަމިއްލަ ނަފްސު ބޮޑަށް ދަސްވުމަކީ ނަފްސާނީގޮތުން ހޯދޭ ކުރިއެރުމެކެވެ.
އިބްރަތެއްގެ ގޮތުގައި ބަލާށެވެ
ހިތްދަތި ތަޖުރިބާއެއް ދިމާވުމުން ކުރިއެރެރުމަކަށް ބަދަލުކޮށްލެވޭނީ ވިސްނުން އިބްރަތެއް ހާސިލްކުރުމަށް ސީދާކޮށްގެންނެވެ. ކޮންމެ ހިތްދަތި ހާލަތެއްވެސް ފަރުވާތެރިކަމާއިއެކު ބަލައިފިނަމަ ކޮންމެވެސް ކަހަލަ ފިލާވަޅެއް އެކަމުން ހާސިލްވާނެއެވެ. ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، އޭގެން ދިރިއުޅުމުގައި އިސްކަންދޭންޖެހޭ ކަންކަން ބުނެދެއެވެ. ބޭވަފާތެރި ގުޅުމަކުން ހިތައް އަނިޔާލިބިއްޖެނަމަ، އަބަދު އެހެންމީހުނާއިހެދި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިޙްތިރާމްކުރަން ބުނެދެއެވެ.
ދިމާވާ ކޮންމެ ކަމެއް އިބްރަތެއްގެ ގޮތައް ބެލުމަކީ އެކަމެއްގެ މައްޗަށް އަމިއްލަ ބާރުވެރިކަން ކުރިހޯދުމެވެ.
ބަދަލުވާން އަޒުމު ކަނޑަ އެޅުން
ތިބާއަށް ދިމާވެފައިވާ ހިތާމަވެރި ހާލަތު ހިތުން ގަބޫލުކުރުމަށްފަހު އެކަމުން އިބުރަތް ހާސިލްކުރާށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ބަދަލުވާން އަޒުމު ކަނޑަ އަޅާށެވެ. ލިބޭ ހިތާމަތައް އެދެވޭގޮތެއްގައި ކުރިއަށް ދިއުމުގެ ފުރުޞަތައް ބަދަލުކުރެވޭނީ ހަޤީގީ ސިފައިގައި އަމަލުން ދައްކައިދީގެންނެވެ. ކަންތައްތައް ބަދަލުކުރެވޭނީ ކުރިން ކަން ކުރަމުން އައިގޮތް ބަދަލުކޮށްގެންނެވެ. ހަޤީގަތުގައި ކުރިން ކަން ކުރަމުން އައިގޮތް ބަދަލުކުރުން ވެގެންދާނީ ލިބެމުންދާ ހިތާމަތައް ބަދަލުކުރުން ކަމުގައެވެ. އަމިއްލަ ނަފްސަށް ކަންކުރުމުގެ ބާރު ފުރިހަމައަށް ތަންފީޒުކުރެވޭނީ މިގޮތައް އަމަލުކުރެވޭނަމައެވެ.
ފަހަރުގައި ބަދަލު ގެނައުމަކީ ހަޔާތުގައި އިސްކަންދޭ ތަރުތީބަށް ބަދަލުގެނެއުން ކަމުގައިވެސް ވެދާނެއެވެ. ނޫނީ ތިބާގެ އަމިއްލަ ނަފްސްދެކެ އިތުރަށް ލޯބިވުންކަމުގައިވެސް ވެދާނެއެވެ.
މައުލޫމާތު: ހަފްޕޯސްޓް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!