ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް ކޯވިޑަށް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނު އުމުރުން 80 އަހަރުގެ ނ. މަނަދޫ އަންހެންމީހާ މަރުވެއްޖެއެވެ.
އޭނާ މިރޭ މަރުވިއިރު، އޭނާ ކޯވިޑް-19 ބަލިން ރަނގަޅު ވެފައިވާކަން މިމަހު 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ އައީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.
މަނަދޫން "ތިލަދުން"އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށު އުމުރުން 80 އަހަރުގެ ސަންފާ ޤާސިމް މިރޭ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އޮއްވައި ކަމަށެވެ. އަދި އޭނާ ބަލިން ރަނގަޅުވުމުން މިމަހުގެ 19 ވަނަ ދުވަހު އޭނާ އާއި ހަވާލުވުމަށް އައުމަށް އޭނާ ގޮވައިގެން މާލެ ގޮސް ތިބި ދެ މީހުންތެރެއިން އެކަކަށް ގުޅިކަމަށާއި، ނަމަވެސް އެ ދެމީހުންވެސް ތިބީ ކަރަންޓީނުގައި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މަނަދޫ ކައުންސިލް ރައީސާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ކޯވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭން އަންގާފައިވަނިކޮށް އެ އަންހެން މީހާގެ އޮކްސިޖަން ލެވަލް މާބޮޑަށް ދަށްވެ ރޭ އައިޖީއެމްއެޗްގެ އައިީޔޫގައި ފަރުވާ ދޭން ފެށީ ކަމަށި ކަމަށާއި، އޭނާ އެޑްމިޓްކޮށްފައި އޮތީ ސިއްހީ އެހެން މައްސަލަތަކެއްގައި ކަމަށެވެ.
މިރޭ މަރުވި އަންހެން މީހާއާއި ސީދާ ބައްދަލުވި މީހުން ތެރެއިން 9 މީހަކު ވަނީ މަނަދޫން ބައްޔަށް ޕޮޒިޓިވް ވެފައިއެވެ. އެ އެންމެންވެސް މިހާރު ތިބީ އިރުފުށި ކަރަންޓީނު ފެސިލިޓީގައިއެވެ.
ފަހުން ޕޮޒިޓިވްވި މީހުންނާއި ސީދާ ބައްދަލުވި 87 މީހެއްގެ ސާމްޕަލް މަނަދޫން ނަގާފައިވާ ކަމަށާއި، އެ އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށް މިރޭ އެރަށުން މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1216 އަށް އިތުރު ވެފައިވާއިރު، ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 91 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!