މަނަދޫން އިތުރު ނުވަ މީހުން ކޯވިޑް-19 އަށް ފައްސިވި އަވަސް ޚަބަރުން މީޑިއާތައް ފުރާލިއެވެ. އެވީ ދިހަޔެކެވެ. ފުރަތަމަ "މަނަދޫ ފައްސިވި އުމުރުން ދުވަސްވީ މީހާ" އެވެ. ނަން ނޭނގުނަސް "އެ މީހާ" މުޅި ރާއްޖެ މިހާރު ދަނެއެވެ.
"އެ މީހާ" ފުރަތަމަ ފައްސިވެފައި، ދެވަނަ ފަހަރު ނައްސިވެފައި، ތިންވަނަ ފަހަރުގެ ޓެސްޓުން އަނެއްކާ ވެސް ފައްސި ވިއެވެ. މި ތަފުސީލުތައް ވިދާޅުވެ ދެއްވަނީ ނޭޝަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކު ޢަބްދުލް ޢަޒީޒެވެ. "އެ މީހާ"އާ މަބޫއާ ލޭގެ ގޮތުން ގުޅެއެވެ. އަޅުގަނޑާ ވެސް އެ ލޭގެ ގުޅުން އޮންނާނެއެވެ. މަބޫގެ ކާފަގެ މަންމައާއި އެ މީހާ މަންމަ އާ އެއީ ދެބެންނަށް ވީތީއެވެ. އެ މީހާއާއި މަނަދޫންނާއި މި ރާއްޖޭން ބައްޔަށް ފައްސިވި އެންމެންނަށް ވެސް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.
ކުއްލިއަކަށް ނުވަ މީހުން ކޯވިޑަށް ފައްސިވުމުން
މި ހާދިސާ ހިނގާދިޔަ ގޮތެއް ބަލައި އޮޅުންފިލުވަން އެތައް ބަޔަކު ބޭނުންވިއެވެ. މާލެ ފިޔަވައި ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ބަޔަކު ކޯވިޑަށް ފައްސިވި ރަށަކަށް މަނަދޫ ވީއެވެ. ކަންބޮޑުވުމާއި ހާސް ކަމުގެ މި ވަގުތު މަނަދޫގެ ރިހޭ ފައިމައްޗަށް އޮތީ ފޮއި ވެއްޓިފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި އޮތީ ފެން ބޮޑުވެފައެވެ. ރަށުން ކަރަންޓް އޮތީ ކެނޑިފައެވެ. މަނަދޫން މާލެގެނައި ބަލި މީހަކު މާލެއިން ކޯވިޑަށް ހެދި ޓެސްޓު ފައްސިވި ދުވަހުން ފެށިގެން މަނަދޫ އޮތީ ބަލާހާލަތު (މޮނިޓަރިން) ގައެވެ. ފުރަތަމަ ފައްސިވި ބަލި މީހާއާ ގާތުން ބައްދަލުވި (ޑައިރެކްޓް ކޮންޓެކްޓްވި) މީހުން ތިބީ ގޭއެކަހެރީ (ހައުސް އައިސޮލޭޝަން) ގައެވެ. އޭގެތެރޭގައި މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާ ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. އަދި ބަލި މީހާގެ އާއިލީ މީހުންނާއި ބަލި މީހާ މާލެ ގެނައި ލޯންޗުގެ މީހުން ވެސް ހިމެނެއެވެ.
މިހާތަނަށް މި މައްސަލަ އާގުޅިގެން ގާތުން ބައްދަލުވި މީހުންގެ ތެރެއިން ހަދަމުން އައި ޓެސްޓުތައް ދިޔައީ ނައްސި ވަމުންނެވެ. އެކަމަކު އެއް ފަހަރާ ނުވަ މީހުން ފައްސި ޚަބަރާއެކު މަނަދޫގައި ބޮޑު ބިރުވެރި ކަމެއް ވަނީ ފެތުރިފައެވެ. މަނަދޫ ތާރީޚުގައި މިއަދަކީ ހިތާމައިގެ ދުވަހެކެވެ. ހިތްދަތި ބިރުވެރި ދުވަހެކެވެ. މިހާރު މަނަދޫގެ ހާލަތު ވަނީ ރަތަށް ބަލުކޮށްފައެވެ. މާނައަކީ މަނަދޫއަކީ ރަށުތެރޭގައި ބަލި ފެތުރޭ ރަށެކެވެ. ޖަމާއަތީ ފެތުރޭ (ކޮމިއުނިޓީ ސްޕްރިޑް އޮތް) ރަށެކެވެ.
މަނަދޫއަކީ 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ވަރަށް ކެތްތެރި އަޚުލާޤު ރަނގަޅު ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ހިތްވަރާއި ޢަޒުމް ވަރުގަދަ ކާބައިންތަކެއްގެ ދަރުފަސްކޮޅެކެވެ. ފަޚުރުވެރި ތާރީޚަކާއި މާޒީއެއް އޮތް ފަސްގަނޑެކެވެ. ހިތްދަތިކަމާއި ހިތްނުތަނަވަސްކަމާއި މާޔޫސްކަމުގައި ވެސް އެއްބައިވަންތަކަމާއެކު ގުޅިގެން އަބަދު ވެސް މަސައްކަތްކުރާ ހެޔޮލަފާ މުޖުތަމަޢެކެވެ. މި ރޯގާއާ ގުޅިގެން ވެސް ޓާސްކު ފޯހެއް އެކުލަވާލައި ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވިޔާފާރިވެރިންނާ ސަރުކާރާއި އަމިއްލަ ފަރާތްތަކުންނާއި ރައްޔިތުން ވެސް އެއްބާރުން ދިނެވެ. އެކަމަކު މަނަދޫން ފުރަތަމަ ފައްސިވި މީހާ ފައްސިވި ޚަބަރާއެކު އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ގިނަ ބަޔަކަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ގަބޫލުކުރަން ދަތިވިއެވެ. މުޅިރަށް ގާތުންބަލާ (މޮނިޓަރިން) ހާލަތަށް ގެނައެވެ. ގެތަކުގައި ނުނިކުމެ ރައްޔިތުން ތިބެންޖެހުނެވެ. ކައުންސިލާއި ޓާސްކު ފޯހުން އިންތިޒާމުތައް ހަމަޖައްސަން ހަރަކާތްތެރިވިއެވެ. ދެވަނައަށް ކުރި ޓެސްޓު ނައްސިވުމުން މަނަދޫގެ ހާލަތު ލުއިވެގެން ދިއުމަށް ގިނަ ބަޔަކު އުންމީދުކުރިއެވެ. އެކަމަކު ތިންވަނަ ޓެސްޓު ފައްސި ވުމުން އެ އުންމީދު ގެއްލުނެވެ.

ނަމަވެސް ބަލި މީހާއާ ސީދާބައްދަލުވި މީހުންގެ ތެރެއިން ޓެސްޓު ހަދަމުން ދިޔަ މީހުން ދިޔައީ ނައްސިވަމުން ކަމަށްވާތީ ހިތްހަމަ ޖެހުމެއް އޮތެވެ. މިހެންވުމުން ބައެއް ފަރާތަކަށް މަނަދޫގައި ރޯގާ އުޅޭކަމަށް ގަބޫލުކުރަން ތިބީ ދަތިވެފައެވެ. އެފަދަ ހާލަތުގައި ތިއްބާ ނުވަ މީހުން ފައްސިވި ޚަބަރަކީ މަނަދޫއަށް ވެއްޓުނު ވަރުގަދަ ބޮމެކެވެ. ކުރިޔަށް ވެސް އޮތީ ފަސޭހަ ދުވަސްތަކެއް ނޫނެވެ. ފައްސިވި މީހުންގެ ސީދާ ބައްދަލުގެ އިހާ ދެނެގަތުމާއި ޓެސްޓުކުރިއަށް ދާނެއެވެ. އާދެ ކޮންޓެކްޓް ޓްރޭސިންނާއި ކްލަސްޓާ ދެނެގަންނާނެއެވެ. ރަށުގައި ބަލި ފެތުރިފައި އޮތް ހާލަތު އެނގޭނީ ޓެސްޓުކުރެވޭ މިންވަރަކުންނެވެ.
ރަށުގެ ރައްޔިތުން ބިރުވެރިކަމެއްގައި،
ކަރަންޓްގެ ޚިދުމަތް ކެނޑި ރަށުތެރެ ފެންބޮޑު ވެފައި މިވާ ދަނޑިވަޅުގައި މަނަދޫގެ އެންމެހާ ރައްޔިތުންނާއި، ޢާއިލާގެ މެންބަރުނާއި، ގާތް އެކުވެރިންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުމެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެއެވެ. އަޅުގަނޑުގެ ރޫޙު ވަނީ ތިޔަ ބޭފުޅުންނާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!