އއ. މާޅޮސް މަސްޙޫރުވެފައިވަނީ އެހެން ރަށްރަށާ ޚިލާފަށް ކަށިކެޔޮ ގިނަ ރަށެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. އެރަށަކީ ތިމާވެށީގެ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ވޭސްޓް މެނޭޖްމެންޓްއާއި ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމެންޓް ގެ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން މިރަށު މީހުންނަކީވެސް ތިމާވެއްޓަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ.

މާޅޮސް ސުކޫލުގެ ދިވެހި މުދައްރިސް އާދަމް ރަމީޒް އަކީ މިކަމުގައި ފާހަގަކޮށްލެވޭ މީހެކެވެ. ގޭތެރޭގައި ދަރިން މުނިފޫހި ފިލުވުމަށް ތަފާތު އެކި ކަހަލަ އެއްޗެހި އުފެއްދުމަކީ ރަމީޒުގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ކުޑައިރުންސުރެއް ތިމާވެއްޓަށް ލޯބިކުރާ ރަމީޒް އަކީ އެއްވެސް ހަރަދެއްނުކޮށް އާންމުކޮން ލިބެން ހުންނަ އެއްޗެހިން ބޭނުންތެރި އެއްޗެހި އުފައްދަމުން އަންނަ ފަރާތެކެވެ.

Ad
rt

ދިވެހި ބަހަށް އަހުލުވެރިކުރުމަށް ކުޑަކުދިން ކުޅޭ އެއްޗެހިވެސް ހަދަނީ އަމިއްލައަށް ގޭގައެވެ. އެރަށުގެ އެކި ގޯތިތަކުގައި ތަފާތު އެކި ޑިޒައިންތަކަށް އުނދޯލިގެ ހެދުމަކީވެސް ރަމީޒު ކުރަމުން އަންނަ ކަމެކެވެ. ރަމީޒުމެންގޭ ގޯތިތެރެ ތަރައްޤީކޮށްފައިވަނީ ވެސް މިކަހަލަ ތަފާތު އެކި އެކި މަސައްކަތުންނެވެ. އުކާލާފައި ހުންނަ ރިސައިކަލް ކުރެވޭ ޒާތުގެ އެއްޗެހި ބޭނުން ކޮށްގެން އެންމެ ފަހުން ރަމީޒް އާއި ރަމީޒުގެ އެކުވެރިން ތައްޔާރުކޮށްފައިވަނީ "މަތިގަނޑު އުނދޯލި" އެވެ.

"މަތިގަނޑު އުނދޯލި" ތައްޔާރު ކުރުމުގައި ރަމީޒުއާއި އެކު އެހީތެރިވުމުގައި އުޅުނު އާދަމް ރަމްޒީ ބުނެފައިވަނީ "މަތިގަނޑު އުނދޯލި" އަކީ ފުޅީގެ މަތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެލުވާ އުންދޯޏެއް ކަމަށެވެ.

އެ އުނދޯލި ތައްޔާރުކުރަން ވިސްނި ހިސާބުން ތަނަކުން މަތިގަނޑެއް ފެންނައިރަށް ނަގާނެ، ފިހާރަތަކާއި ހޮޓާތަކުގަވެސް ބުނެފަ އޮންނާނީ އެއްވެސް މައްޗެއް އެއްލާނުލާ ދޭން، ރަށް ވަށާ ހިނގިން ރަމީޒް އާއި އެކު މަތި ހޯދަން، ވަރަށް ބައިވަރު މަތި އެއްކޮށްގެން ހެދި އުނދޯޏެއް މީ، މިއީ ބޮޑެތި މީހުންނަށް ވެސް އޮވެވޭހެން ތައްޔާރުކޮށްފައިވާ އުނދޯޏެއް،

ރަމީޒުގެ އެކުވެރި ރަމްޒީ ބުނެފައިވެއެވެ.

މި އުނދޯލި ތައްޔާރު ކުރުމުގައި ރަމީޒު އާއި ރަމީޒުގެ އެކުވެރިން ކުރި މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއްވެސް ވަނީ ޔޫޓިއުބްގައި ހިއްސާކޮށްފައެވެ. މިވީޑިއޯ ތައްޔާރުކުރީ އެމަސައްކަތުގައި އެކުގައި އުޅުނު އަޙްމަދު ހާފިޒް އެވެ.

މީގެ އިތުރުން ރަމްޒީ ބުނެފައިވަނީ ފުޅީގެ މަތި ބޭނުންކޮށްގެން ހެދީ ކުޑަ ސަރަންފީއެއްކަމަށެވެ. އެއީ ރަމީޒުގެ ތިން ދަރިންނަށް ހާއްސަކޮށް ހަދާފައިވާ ކުޑަ ސަރަންފީއެކެވެ. ރަމީޒުގެ 2 ފިރިހެން ކުދިންނާ އަންހެން ކުއްޖަކު ހުރެއެވެ. ހުސްވަގުތެއް ލިބިއްޖެއްޔާ އަބަދުވެސް އުޅޭނީ މިކުދިންނަށް ކޮންމެވެސް އެއްޗެއް ހެދުމުގައި އަވަދިނެތިއެވެ.

ފުޅީގެ މަތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މިި އުނދޯލި ސިމްޕަލްކޮން ފެނުނަސް މި އުނދޫލި ހެއްލާލަށް ވަރަށް އަރާމުވާނެ، އަގުހުރި މަސައްކަތެއް މިއީ

ރަމްޒީ ބުނެފައިވެއެވެ.