ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ކާއެއްޗެއްސަށް ފާޑު ކިޔަނީ ކީއްވެތޯ ސުވާލު ކުރަށްވައި، ސިއްހީ ހިދުމަތްތެރިން ތަހައްމަލު ކުރަމުންދާ ހާލަތު ކުރުކޮށް ވިދާޅުވެ، ހާލަތަށް ޝުކުރުވެރިވެ، ޝަކުވާ ނުކުރުމަށް ޑރ. ޒިޔާދު އެދި ވަޑައިގެންފިއެވެ.

" ތިބާ ކަރަންޓީނު ނުވަތަ އެކަހެރި ކޮށްފައި ހުންނަ އިރު ލިބޭ ކާއެއްޗެއްސަށް ފާޑު ތިކިޔަނީ ކީއްވެ ހެއްޔެވެ؟" ޑރ. ޒިޔާދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

Ad
rt

އެއަށްފަހު ވިދާޅުވެފައި ވަނީ ޑަކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ ހިދުމަތްތެރީން ނުކައި ނުބޮއި، ހަމަ ނިދި ނުނިދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އެއަށް ފަހު ވިދާޅުވީ ޝުކުރު ކުރުމަށާއި، ޝަކުވާ ނުކުރުމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ޤުރުބާނީއެއް ވަމުން އަންނަނީ ސިއްހީ ޚިދުމަތް ތެރިން ކަމާމެދު އެއްވެސް މީހަކު ދެބަސް ނުވާނެކަން ގައިމެވެ.

ޑރ. އެހެން ވިދާޅުވެފައި ވާއިރު، އިއްޔެވަނީ ކަރަންޓީނު ފެސިލިޓީއެއްގައި ތިބި މީހުން ރޯދަ ވީއްލަން ފޯރުކޮށްދިން ކާއެއްޗެއްސާއި މެދު ނުރުހުން ފާޅުކޮށް ބައެއް މީހުން މީސް މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނެފައި ވަނީ، ސަރުކާރުން ބޮލަކަށް ހަތްސަތޭކަ ރުފިޔާ ދޭ ކަމަށާއި، އެ ވަރު ފައިސާގެ ޢަދަދެއް ބޮލަކަށް ދޭ އިރު އެ ފޯރުކޮށްދޭ ކާތަކެތި އެއަށް ވުރެ، ރަނގަޅު ވާން ޖެހޭނެ ކަމަށެވެ.

އަނެއް ބަޔަކު ދަނީ، ޝަކުވާ ނުކޮށް މިހާލަތަށް ވިސްނައި ކެތްތެރިކަން އިސްކުރަންބުނެ މީސް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

މިހާލަތުގައި މުޅި ޤައުމާއި، މުޅިދުނިޔެ ހުއްޓި، މާލީ ކޮށިއެރުމެއްގައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދަކީ އިސްރާފު ނުކުރުމަށާއި، އިޤްތިޞާދު ކުރުމަށެވެ. ރޯދަ މަހުވެސް މޮޅު އެއްޗެހި ތައްޔާރުކޮށް އިސްރާފު ކުރުމުގެ ބަދަލުގައި ހާލަތު ދެނެގަނެ، އަނެކުންނަށް މަދަދު ވެރި ވުމަށެވެ.