ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިކަމާއި ގުޅޭ އެޗްޕީއޭގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައިކަން އެކައުންސިލުން ހާމަކޮށްފައިވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާކަން އެޗްޕީއޭއިން އެ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ.

Ad
rt

އެ ކައުންސިލުން ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން 16 އޭޕްރިލް 2020 ވަނަ ދުވަހު އެ ފުނަދޫއަށް ދަތުރުކުރި މީހަކު ހިމެނޭތީ، ކޮންޓެކްޓް ޓްރޭސިންގ ގެ ބޭނުމަށް ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭއިން އަންގާފައި ވާކަމަށެވެ.

މިއީ އަތޮޅު ތެރެއިން ބައްޔަށް ފައްސިވި ދެ ވަނަ މީހާ އެވެ. ފުރަމަ އަތޮޅުތެރެއިން މީހަކު މިބައްޔަށް ފައްސިވެފައި ވަނީ ހއ. އުލިގަމުންނެވެ.

މިއަދު އިތުރު 8 ދިވެއްސަކު ބައްޔަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ދެންމެ ހާމަ ކުރުމާއިއެކު، މިހާރު ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު ވަނީ 137 އަރާފައެވެ.