ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބަހަށްޓަން ނިންމައިފިއެވެ.

އެކަން ކުރުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓަރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.

Ad
rt

މި ވައިރަސް އާއި ގުޅިގެން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބެހެއްޓިގެން ދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް ގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލް ކުރައްވާފައިވާ ޓްވީޓް އެއްގައި ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ރައްޔިތުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރާތް ކުރުން ވަގުތީގޮތުން ވަނީ ހުއްޓުވާފައެވެ. އޭޑީކޭ ހޮސްޕިޓަލުންވެސް ބަލި މީހުންނަށް ޒިޔާރާތް ކުރުން ވަނީ ލިމިޓް ކޮށްފައެވެ. ރާއްޖޭގެ މައިހޮސްޕިޓަލުންވެސްވަނީ ބަލި މީހުންނަށް ޒިޔާރާތް ކުރުން ހުއްޓުވައި، ފިޔަވަޅުތަކެއް އަޅާފައެވެ.

އޭގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ގޮތުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކްލަބު މޯލްޑިވްސް ކަޕް ފަސްކުރަން ނިންމާފައިވާއިރު، ރިޒޯޓުތަކުގެ މެދުގައި ބާއްވަމުން އަންނަ ރިސޯޓު ލީގު 2020 ގެ ހަތަރު ޒޯނުގެ މުބާރާތްތައްވެސް ވަނީ ފަސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށްވަނީ ކޮވިޑް-19 އަށް ހަމީހަކު ޕޮޒިޓިވު ވެފައެވެ.