ބްރެޒިލްގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި، އެ ގައުމުގެ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވެރިކަމުގެ ހަތަރު ވަނަ ދައުރެއް ކަށަވަރު ކުރައްވައިފިއެވެ.
ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވިކަން އެ ގައުމުގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓް (ޓީއެސްއީ) އިން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ވޯޓު ފޮށިތަކުގެ ނަތީޖާ ގާތްގަނޑަކަށް އެއްކޮށް ގުނައި ނިމުނުއިރު، ސައްހަ ވޯޓުގެ %51.76 ހޯއްދަވައިގެން ލޫލާ ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ ވޯޓުގެ %48.24 އެވެ. މިއާއެކު، ލޫލާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ހަތަރު މިލިއަނަށް ވުރެ ގިނަ ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ.
މި ނަތީޖާއަކީ ބްރެޒިލްގެ ޒަމާނީ ސިޔާސީ ތާރީޚުގައި މިހާތަނަށް ފެނިފައިނުވާ ފަދަ އާދަޔާޚިލާފު ކާމިޔާބީއެކެވެ. އެ ގައުމުގައި 1989 ވަނަ އަހަރު ދެ ބުރުގެ ރިޔާސީ އިންތިޚާބީ ނިޒާމު ތައާރަފުކުރި ފަހުން، ފުރަތަމަ ބުރުގައި ދެވަނައަށް ދިޔަ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި މި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރީގައި އޮތީ ބޮލްސޮނާރޯއެވެ. އެ ބުރުގައި ބޮލްސޮނާރޯ %47.03 ވޯޓު ހޯއްދެވިއިރު، ލޫލާއަށް ލިބިވަޑައިގަތީ %45.16 އެވެ. ފުރަތަމަ ބުރުގެ މި ނަތީޖާއާއެކު ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ލެޓިން އެމެރިކާގެ އެންމެ ބޮޑު ގައުމުގައި ވަނީ ފޯރިގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.
ދެވަނަ ބުރުގެ މި ނަތީޖާއާއެކު، ބްރެޒިލްގެ ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ އާއިލާއަށް މިވަނީ ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އަލުން އެ އާއިލާއަށް ވެރިކަން ހޯއްދަވައިދެއްވުމުގެ މަގުސަދުގައި ވާދަކުރެއްވި އުމުރުން 45 އަހަރުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯއަކީ ކުރީގެ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުންނެވެ.
ރިޔާސީ އިންތިޚާބަށް އެމެރިކާއިން ''އަތްބާނާ'' ކަމުގެ ތުހުމަތާ އެކު ބްރެޒިލުން ތަހުގީގު ފަށައިފި
ވޯޓު ގުނުމުގެ ކުރީކޮޅުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ލީޑު އެކި ފަހަރު ބަދަލުވަމުން ދިޔަ ނަމަވެސް، ބޮޑެތި ޝަހަރުތަކާއި އާބާދީ ބޮޑު އުތުރުއިރުމަތީ ސަރަހައްދުގެ ވޯޓުތައް ގުނަން ފެށުމާއެކު ލޫލާ ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. ކުރިން 2003 އިން 2010 އަށް އަދި ފަހުން 2022 ގައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވި ލޫލާ، އޭނާގެ ހަތަރު ވަނަ ދައުރު ރަސްމީކޮށް ފައްޓަވާނީ 5 ޖެނުއަރީ 2027 ގައެވެ.
އިންތިޚާބުން ބަލިވި ފްލާވިއޯ ބޮލްސޮނާރޯ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފުރިހަމަ ތާއީދާއި މަދަދާއިއެކު އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ. ސަބަބަކީ ރައީސް ލޫލާ އަކީ ވަރަށް ބޮޑަށް އެ ދެ ޤައުމާއި އިދިކޮޅު ބޭފުޅެކެވެ. އަދި ޚާއްޞަކޮށް ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމާއި ދެކޮޅަށް އަޑުއުފުއްލަވައި، ފަލަސްތީނުގެ ޙައްޤުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަށްވާ ބޭފުޅެކެވެ.
އިންތިޚާބުގައި އެމެރިކާގެ ތުރާ ބޮޑުވެ، އެމެރިކާއިން ނުފޫޒު ފޯރުވައި ''އިންތިޚާބަށް އަތްބާނަން'' މަސައްކަތް ކުރާތީ ބްރެޒިލްގެ އެޓާނީ ޖެނެރަލް ވަނީ އެމެރިކާ ސަރުކާރުގެ އެހީގެ ޕްރޮގްރާމްތަކަކާ ގުޅޭ ތަހުގީގެއް ހިންގައިދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!