ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޤައުމީ އަރުޝީފަށާއި، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައި ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެކަމަނާ ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މީގެ އިތުރުން، އަންނާން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން ވެސް ޤައުމީ އަރުޝީފުން ވަޒީރު ވަނީ މަޢުލޫމާތު ހޯއްދަވައި، އެ ތަނުގައި ކުރިއަށްގެންދާ ކަންކަން ވަރަށް ގާތުން ބައްލަވާލައްވާފައެވެ.
ހަމައެއާއެކު، ވަޒީރު ހީނާ ވަލީދު ވަނީ ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މި ބައްލަވާލެއްވުމުގައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މަޢުލޫމާތާއި ޢިލްމު ފެތުރުމުގެ އިތުރުން ފޮތްކިއުމުގެ އާދަ އަށަގަންނުވައި، އުމުރަށް ދެމިގެންދާ އުނގެނުމަށް ބާރުއެޅުމުގައި އެ ކުތުބުޚާނާއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ވެސް މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.
ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ޗައިނާއަކީ އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުން އަންނަ ޤައުމެކެވެ. އަދި މި ދާއިރާއިން އެ ޤައުމުން ގެންގުޅޭ އީޖާދީ ވިސްނުންތައް އެހެން ޤައުމުތަކަށް، ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ޙިއްސާކުރުމަށް ޗައިނާއިން އަބަދުވެސް ބޮޑު އިސްކަމެއް ދެއެވެ.
ވަޒީރު ހީނާ ވަލީދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެއްދި ފުރަތަމަ ޖަމިއްޔާގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!