ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ "ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ" ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ.

ވެރިރަށް މާލޭގައި ފެށި މި މަތީ ފަންތީގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

އޮކްޓޫބަރު 18 އިން 22 ގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ 42 މަންދޫބުންނާއި، ސަރަހައްދީ ސިއްހީ ދާއިރާގެ އިސްވެރިންގެ އިތުރުން ފަންނީ މާހިރުން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުން، ދުނިޔޭގެ ސިއްހީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޓަކައި އެޅޭ ބިންގަލެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" (ޕީއައިޕީ) ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" (ޕްރެޓް) އިސްނެގުމުގެ އިތުރުން، ޑަބްލިއުއެޗްއޯ ޖީއައިއެސްއާރްއެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.

ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުމުގައި މިނިސްޓަރު ގީލާ ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވައިލުމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ޑަބްލިއުއެޗްއޯގެ މި މުހިންމު ސަރަހައްދީ ރިވިއު ބައްދަލުވުން ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން 2026 އިން 2031 އަށް އެކުލަވާލާފައިވާ ސަރަހައްދީ ރޯޑްމެޕްތަކާ އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށާއި، އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތަކާ (އެސްއޭއާރްއައި/އައިއެލްއައި) ގުޅޭ އުސޫލުތައް އަދާހަމަކޮށް، ގައުމީ އިސްތިރާޖީތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ބާރެކެވެ.

މީގެ އިތުރުން 'ޕެންޑަމިކް ފަންޑް' ބޯޑުގައި މިނިސްޓަރު ގީލާ ރާއްޖެ ތަމްސީލުކުރައްވާތީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ނާޒުކު ހާލަތްތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމުގައި އިސްކަންދެވޭނެއެވެ. އަދި ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫކޭއެޗްއެސްއޭ) އާއި ޑަބްލިއުއެޗްއޯގެ ކަމާގުޅޭ މަރުކަޒުތައް ފަދަ ބައިނަލްއަގުވާމީ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން، ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރާއި، ކްލިނިކަލް ރިސާޗް ނެޓްވޯކްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.