ޕެންޝަން ފައިސާގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޔަޒްމީދު މިހެން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި ހަރަކާތަކީ ރަށްރަށުގެ ރައްޔިތުން ޕެންޝަނަށް ހޭލުންތެރި ކުރުވުމަށް ފެށި މަސައްކަތެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން ޕެންޝަނާ ބެހޭ މައުލޫމާތާއި ޕެންޝަން ފައިސާ ދެއްކުމުގެ މުހިންމުކަން ރައްޔިތުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.

Ad
rt

ޕެންޝަން އޮފީހަށް 17 އަހަރު ފުރިފައިވާ އިރު، މިހާތަނަށް އެ ފަންޑަށް ވަނީ 30 ބިލިއަން ރުފިޔާ ޖަމާވެފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގެ މެންބަރުންގެ ކޮންޓްރިބިއުޝަނާއި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ހިމެނެއެވެ. ފަންޑު ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ހޯދައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަންޑުގެ އަދަދު ދެގުނައަށް އިތުރުކުރުމަކީ މައިގަނޑު އަމާޒެއް ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.

މި އަމާޒާ ގުޅޭގޮތުން ޔަޒްމީދު ވިދާޅުވީ ޕެންޝަން އޮފީހުގެ ވިސްނުމަކީ އިންވެސްޓްކުރެވެން ހުރި ފުރުސަތުތަކުގެ އިތުރަށް، އެ އޮފީހުން އިންވެސްޓްމެންޓް އޮޕޮޗުނިޓީސް އަމިއްލައަށް ހޯދުން ކަމަށެވެ. އަދި ފާއިތުވި 17 އަހަރު ފަންޑުގެ އަދަދަކީ 30 ބިލިއަން ކަމަށްވާއިރު، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ އަދަދު ދެގުނަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަމަށް ބޭނުންވާ ވިސްނުންތައް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ޕެންޝަން ފައިސާ ނުދައްކާ ގިނަ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވައި، މިއީ ވަރަށް މުހިންމު ބޭނުމެއްގައި އެއްކުރެވޭ ފައިސާއަކަށް ވާތީ އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާވާންޖެހޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އޭގެ އިތުރަށް މިހާތަނަށް ޕެންޝަން ފަންޑަށް ނުލިބި ހުރި 100 މިލިޔަނެއްހާ ރުފިޔާ އެއް އަހަރުގެ ތެރޭގައި ރިކަވަރ ކުރަން މަސައްކަތްކޮށް ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔަޒްމީދު އިތުރަށް ވިދާޅުވި ގޮތުގައި، ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާން ޖެހޭ ބައެއް ފަރާތްތަކުން އަދިވެސް އެ ސްކީމުގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން އެ ފަރާތްތައް ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ފައިސާ ދައްކަން ޖެހޭނެ ކަމަށް ރަޖިސްޓަރީކޮށް ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ރިކަވާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން، މެންބަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެހެން ޕްރޯއެކްޓިވްކޮށް މަސައްކަތް ކުރުމަށްޓަކައި ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމު މިހާރު ވަނީ ތަރުތީބުކޮށްފައެވެ.

ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމަށް އަދި ރިޓަޔަމަންޓަށް ތައްޔާރުވުމަށް އާއިލާތައް ހޭލުންތެރިކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. މުޅި މުޖުތަމައު އެކުވެރިކަމާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިވި މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ހަނިމާދޫ ކައުންސިލާއި، މުއައްސަސާތަކާއި ރައްޔިތުން ދިން އެއްބާރުލުމަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ޕެންޝަނާ ބެހޭ ގާނޫނު ބަޔާންކުރާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއް ވެސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން ލާޒިމެވެ. އަދި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް، ވަޒީފާ އަދާކުރާ މީހާގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ މުވައްޒަފުގެ އަތުން އަދި ވަޒީފާ ދޭ ފަރާތުން މަދުވެގެން 7 އިންސައްތަ ހިމަނައިގެން، ކޮންމެ މަހަކުވެސް އެ ސްކީމަށް ފައިސާ ޖަމާކުރަން ޖެހެއެވެ.