ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުން އެ މީހުންގެ މައްޗަށް ކުރު މުއްދަތެއް ދީފައިވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފައިވާތީ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންނާއި، އެކަމާ ގުޅުން އޮތް އިތުރު ދެ މީހެކެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފެނީވާ، އުމުރުން 21 އަހަރުގެ އަޙްމަދު މާއިޝް މުޙައްމަދު މާހިރާއި، ކ. މާލެ، ހ. ފިލްމީސައިޓް، އުމުރުން 21 އަހަރުގެ އަނޫފް ބިން މުޙައްމަދާއި، ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ، އުމުރުން 20 އަހަރުގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤުގެ އިތުރުން ކ. ގާފަރު، މަލަ، އުމުރުން 30 އަހަރުގެ އަޙްމަދު ސިނާޒެވެ.
ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފޫޓޭޖު އަދި އަނިޔާވި ފުލުސް މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ރިޕޯޓަށް ބަލާއިރު، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓުގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. މި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން ފުލުހުން ބުނީ، މި އަމަލު ހިންގާފައިވަނީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ބެރިކޭޑުގައި ޖައްސައި، އެއާއެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިގެން ކަމަށެވެ. އަދި މި ހާދިސާ ހިނގި ވަގުތު މިކަމުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ސައިކަލުން ޖެހުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އޭނާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ފުލުހުން ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ އަމަލު ހިންގި ސައިކަލުގެ އިތުރުން މިކަމުގައި ބައިވެރިވި އިތުރު ސައިކަލެއް ވެސް ހޯދައި ޓޯކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނީ ވާޖިބު އަދާކުރަން ހުރި އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސީ، ފުލުހުން ބިރުގަންނަވައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ކަމަށެވެ. މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ނަމަވެސް އެފަދަ ކަންކަމުން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތުގައި ކުރިމަތިކުރުވާ ބިރުދެއްކުންތަކަށް ބެލުމެއްނެތި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މަގުމަތީގެ އަމަންއަމާންކަން ނަގާލާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށް ވެސް ކޮމިޝަނަރުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!