އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ދަނޑުތަކުން ޒައިތޫނި (އޮލިވް) ވަގަށް ނެގުމަކީ ހުއްދަ ކަމެއް ކަމަށާއި، އެއީ އިތުރު "ހެޔޮކަމެއް" ނުވަތަ ސަވާބު ލިބޭނެ އަމަލެއް ކަމަށް ބުނެ ޔަހޫދީ ދީނީ އިސް ވެރިއެއް ކަމަށްވާ ރައްބީ ޑޯވް ލިއޯ ހަރުކަށި ފަތުވާއެއް ނެރެފިއެވެ.

މި ފަތުވާއާ ގުޅިގެން، ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ސިޔާސީ ނުތަނަވަސްކަން ވަނީ އިތުރަށް ގޯސްވެފައެވެ.

Ad
rt

ޕޮލެންޑަށް 1933 ވަނަ އަހަރު އުފަންވި ލިއޯ ނެރުނު ދީނީ ފަތުވާގައި ދައުވާކޮށްފައި ވަނީ، އިސްރާއީލުގެ އަސްކަރިއްޔާއިން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޒައިތޫނި ބިންނަ މޫސުމުގައި ދަނޑުތަކަށް ނުދެވޭ ފަލަސްތީނުގެ ބިންވެރިންނަށް، މީގެ ކުރީ އަހަރުތަކުގައި އެ މޭވާ ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާތީ އެކަށީގެންވާ ބަދަލު ލިބިފައިވާ ކަމަށެވެ. އެހެންކަމުން، ފަލަސްތީނުގެ ބިންތަކުގެ މިލްކުވެރިކަން ހޯދުމުގެ ގޮތުން އެ ޒައިތޫނިތައް ބިނުމުގެ ހުއްދަ ޔަހޫދީންނަށް އޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ޔަހޫދީ މުޖުތަމައުތަކާ ދުރުގައިވާ ބިންތައް ވަޒަންވެރިން "ފަތަހަކުރަން" ޖެހޭ ކަމަށާއި، އެއީ ބިމުގެ މިލްކުވެރިކަން ދެއްކުމަށާއި ތައުރާތުގެ އަމުރަށް ތަބާވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށްވެސް އޭނާ ބުނެފަވެއެވެ.

އޭނާގެ ފަތުވާގައި އިތުރަށް ބުނެފައި ވަނީ، ޔަހޫދީން އެމީހުންގެ ކޮންމެ ދުވަހެއްގެ އަޅުކަމުގައި ބަޔާންކުރާ ފަދައިން އިސްރާއީލުގެ ބިމުގެ ހައްގު ދުވަހަކުވެސް ދޫކޮށްނުލާ ކަމަށެވެ. އަދި އަރަބިން އެ ބިން ޔަހޫދީންގެ އަތުން އެއްވެސް އިރެއްގައި ގަނެފައި ނުވާތީ، އެއީ އަރަބިންގެ އަތުގައިވާ "ވަގަށް ނަގާފައިވާ" ބިންތަކެއް ކަމަށާއި، ބިމުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ޔަހޫދީންނަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފަތުވާ ނެރެފައި މިވަނީ ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދޭ އަނިޔާވެރި ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ހުކުރު ދުވަހު އެކަނިވެސް، އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދިން 34 ހަމަލާއެއްގައި ފަލަސްތީނުގެ މަދުވެގެން 19 މީހަކު ވަނީ ޒަހަމްވެފައެވެ. މީގެއިތުރުން، އެ ހަމަނުޖެހުންތައް ކަވަރުކުރަން އުޅުނު އެމެރިކާގެ "ދަ ވޮޝިންޓަން ޕޯސްޓް" ނޫހުގެ ފޮޓޯޖާނަލިސްޓަކަށް ވަޒަންވެރިން ހަމަލާދީފައިވާއިރު، ފަސް އުޅަނދެއްގައި ވަނީ ހުޅުޖަހައި އަންދާލައިފައެވެ. މި ނުރައްކާތަކާއި ހުރަސްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފަލަސްތީނު ދަނޑުވެރިންނަށް އެމީހުންގެ ގޮވާންތަކާ ހަމައަށް ވާސިލެއް ނުވެވެއެވެ.

ނަމަވެސް، ޒައިތޫނި ވަގަށް ނެގުމަށް ލިއޯ ގޮވާލި ގޮވާލުމަށް ޔަހޫދީ ހުރިހާ ދީނީ އިސްވެރިން ތާއީދެއް ނުކުރެއެވެ. ގުޝް އެޓްޒިއޮން ސަރަހައްދުގެ ވަޒަންވެރިންގެ ދީނީ ކައުންސިލުގެ ރައްބީން ނެރުނު ސިޓީއެއްގައި ބުނެފައި ވަނީ، ފަލަސްތީނު މީހުންގެ ގޮވާންތައް ގަވާއިދާ ހިލާފަށް ނެގުމަކީ ވައްކަމެއް ކަމަށާއި، އެއީ ދީނީ ގޮތުން ކުފުރުގެ އަމަލެއް އަދި އަހުލާގީ އުނިކަމެއް ކަމަށެވެ. އަދި އޮތޮޑޮކްސް 800 ރައްބީން ހިމެނޭ "ޒޮހާރް" ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ، މުދާ އަތުލުމުގެ ބާރު އޮންނާނީ ހަމައެކަނި ދައުލަތަށް ކަމަށާއި، ދައުލަތުން އެ ޒައިތޫނީގެ މިލްކުވެރިކަން އަރަބިންނަށް އޮތް ކަމަށް ބަލައިގަންނަހާ ހިނދަކު އޭގެ ހައްގުވެރިންނަކީ އެމީހުން ކަމަށެވެ. މީގެއިތުރުން އިދިކޮޅު ޑިމޮކްރެޓްސް ޕާޓީގެ ކްނެސެޓް މެންބަރު ގިލާޑް ކަރިވް ވިދާޅުވީ، ލިއޯ އަދި އޭނާއަށް ތަބާވާ މީހުން އިސްރާއީލު އަހުލާގީ ފަސާދައިގެ ތެރެއަށް ވައްޓާލަމުންދާ ކަމަށެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަހު ދިރާސާކުރާ މައުމޫން އަބޫ އާމިރު ބުނި ގޮތުގައި، އެހެން ރައްބީން މި ފަތުވާއާ ދެކޮޅުހެދުމުގެ ފަހަތުގައި ސަރުކާރުގެ ނުފޫޒާއި ސިޔާސީ މަގުސަދުތަކެއް އޮތުން އެކަށީގެންވެއެވެ. އޭނާ ބުނީ ސަރުކާރުން ދައްކަން ބޭނުންވަނީ މިފަދަ ޖަރީމާތައް ހިންގަނީ "ހިލްޓޮޕް ޔޫތު" ފަދަ މަދު ބައެއް ކަމަށާއި، ވަޒަންވެރިންނަކީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ކަމަށެވެ. ނަމަވެސް، ލިއޯއަކީ ހަރުކަށި ފަރާތްތަކުގެ މެދުގައި ބޮޑު ނުފޫޒެއް އޮންނަ، އަދި އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން-ގްވީރުގެ އޮޓްޒްމާ ޔެހޫދިތު ޕާޓީގެ ރޫހާނީ އިސް ވެރިޔާއެވެ. އިސްރާއީލުގައި އޮންނަ އިންތިހާބު ކައިރިވެފައިވާއިރު، ހައްދުފަހަނައެޅި ސިޔާސީ ފަރާތްތަކުން ގެންދަނީ ވަޒަންވެރިންގެ ވޯޓު ހޯދުމަށްޓަކައި މިފަދަ ހަރުކަށި ފަތުވާތަކާއި ވާހަކަތައް ބޭނުންކުރަމުންނެވެ.