ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ޓެމިލްނާޑޫގެ 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު އަވަހަށް މިނިވަންކޮށްދިނުމަށް އެހީތެރިވެދެއްވުމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުގެ ކިބައިން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ އެދިވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިޖޭ ވަނީ މި މައްސަލައިގެ ތެރެއަށް ޖައިޝަންކަރު އަމިއްލަފުޅަށް ވެދެވަޑައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ތޫތުކުޅި ޑިސްޓްރިކްޓަށް ނިސްބަތްވާ އެ މަސްވެރިން ވީހާވެސް އަވަހަކަށް އަދި ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

Ad
rt

ޗީފް މިނިސްޓަރު ވިޖޭ ވިދާޅުވީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެ މަސްވެރިންނާއި އިންޖީނު އެޅި ތިން މަސްބޯޓު ހިފެހެއްޓީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެހެންކަމުން ހައްޔަރުކުރި ހުރިހާ މަސްވެރިން މިނިވަންކުރުމަށާއި ހިފެހެއްޓި ތިން ބޯޓު އަނބުރާ ހޯދުމަށް މަރުކަޒީ ސަރުކާރުގެ ބައިވެރިވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މި މައްސަލަ ދިވެހި ސަރުކާރާ އެކު ކުރިއަށް ގެންގޮސްދެއްވައި، މި މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވީއެންމެ އަވަހަކަށް ދޫކޮށްލުމަށާއި ރައްކާތެރިކަމާއެކު އެނބުރި އައުމުގެ މަގުފަހިކޮށްދެއްވުން އެދެން،" ވިޖޭގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މީގެއިތުރުން ޖައިޝަންކަރު މިކަމުގެ ތެރެއަށް އަމިއްލަފުޅަށް ވެދެވަޑައިގަތުމަކީ، ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި އެ ސަރަހައްދުގެ މަސްވެރި މުޖުތަމައަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ވިޖޭ ވިދާޅުވިއެވެ.

ރާއްޖެއިން އަތުލައިގަތް އިންޑިއާގެ 3 މަސްބޯޓާއި 25 ފަޅުވެރިން ދޫކޮށްލަން ގޮވާލައި މުޒާހަރާކޮށްފި

މި މަހުގެ ކުރީކޮޅުވެސް ވިޖޭ ވަނީ ޖައިޝަންކަރަށް މިފަދަ އެހެން ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވަނީ ސްރީލަންކާގެ ނޭވީން ހައްޔަރުކޮށްފައިވާ ޓެމިލްނާޑޫގެ 20 މަސްވެރިންނާއި އެ ގައުމުން ހިފަހައްޓާފައިވާ 270 މަސްބޯޓު މިނިވަންކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށެވެ.

ޗީފް މިނިސްޓަރު ވިޖޭ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހާދިސާތައް ތަކުރާރުވަމުން ދިޔުމަކީ ޓެމިލްނާޑޫގެ އައްސޭރިފަށުގެ މަސްވެރި މުޖުތަމައުތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެއް އުފެދެމުންދާ ކަމެކެވެ. އަދި ރާމަނާތަޕޫރަމް އަދި އަވަށްޓެރި އައްސޭރިފަށުގެ ޑިސްޓްރިކްޓްތަކުގެ މަސްވެރިން އާންމުކޮށް އާމްދަނީ ހޯދުމަށް ބަރޯސާވަނީ ޕޯކް ބޭ ސަރަހައްދަށް ކަމަށްވާއިރު، މިގޮތަށް މީހުން ހައްޔަރުކޮށް ބޯޓުތައް އަތުލައިގަތުމުގެ ސަބަބުން އެ އާއިލާތަކަށް ނަފްސާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް އިންޑިއާގެ ތިން މަސްބޯޓާއި އޭގައި ތިބި 25 ފަޅުވެރިން ސަލާމަތްކޮށް، އަނބުރާ ގައުމަށް ގެނައުމަށް ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ގައުމުގެ މަސްވެރިންގެ އާއިލާތަކުން ގޮވާލައި މުޒާހަރާ ވެސް ވަނީ ކޮށްފައެވެ.

މި އުޅަނދުތައް ރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށެވެ. އެއްވެސް ޤައުމެއްގެ ސަރަހައްދީ އިމުގެތެރެއަށް އެ ޤައުމުގެ ހުއްދަނެތި ވަނުމަކީ ކުށެކެވެ.