ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ފަދަ ހާއްސަ ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މީޑިއާތަކުން މިރޭ ބްރޯޑްކާސްޓްކުރި "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރަގްރާމްގައި ބައިވެރިވި ދެ ފަރާތަކުން ވަނީ ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ހޯދުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކާއި ދަތިތައް ރައީސްއާ ހިއްސާކޮށްފަ އެވެ. އެގޮތުން، ވަޒީފާގައި ނޫޅޭތީ ލޯނު ނުލިބޭ މައްސަލަ އާއި، ލޯނުގެ އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާ ހަމަޖެއްސުމުގައި ހުރި ދަތިތައް އެ ފަރާތްތަކުން ވަކިން ހާއްސަކޮށް ފާހަގަކުރި އެވެ.
ރައްޔިތުން ފާހަގަކުރި އެ ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، ގެދޮރު އެޅުމަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެ، އަލަށް ތައާރަފުކުރަން ގަސްތުކުރާ ސްކީމާ ގުޅޭ ބައެއް މައުލޫމާތުތައް ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ، އެ ސްކީމުގެ ދަށުން ގެދޮރު ލޯނުގެ އިކުއިޓީ ހަމަޖެއްސުމަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ ލޯނެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ދެވޭ އެހީއެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ސަބަބުން ލޯނަށް ބޭނުންވާ އިކުއިޓީ ހަމަޖެހި، ރައްޔިތުންނަށް ލޯނު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އެހީއާ ގުޅޭ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، "ސަރުކާރުން ދެނީ އިކުއިޓީ ކޮންޕޯނަންޓަށްދޭ އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް. ދެ ލައްކަ ރުފިޔާވަރު ކޮންމެ މީހަކަށް. ދެން ގޭގެ ތިން ހަތަރު މީހުން އެއްކޮށްލައިގެން ޖުމްލަ މިލިއަނެއްހާ ރުފިޔާވެސް ލިބިދާނެ ފަސް މީހަކު ތިބެއްޖެއްޔާ،" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!