މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބަށާއި، ގދ. ގައްދޫގެ، ގައްދޫ ރެކްރިއޭޝަން ކްލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދޭން ނިންމައިފިއެވެ.

މި ނިންމުމާއެކު އެ އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމުގައި ބަސްބުނުމުގެ އިތުރުން ވޯޓު ލުމުގެ ފުރުސަތު ވެސް އެ ދެ ކްލަބަށް ލިބިގެންދާނެއެވެ.

Ad
rt

ރަސްމީ ސިފައެއްގައި ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަނަކީ އެފްއޭއެމްގެ މެމްބަރު ކްލަބުތަކެއްގެ ގޮތުގައި ހަމަޖައްސައި، އެކަން އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައި ފަށާ އެފްއޭއެމްގެ ހާއްސަ ކޮންގްރެސްގައެވެ. މިހާރު އެފްއޭއެމްގެ މެމްބަރު ކްލަބުތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ އިތުރުން ދެވަނަ ޑިވިޝަނުގެ 13 ކްލަބެކެވެ.

މިއީ އަތޮޅުތެރޭގެ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމް އިން ދިވެހި ލީގުގެ ފޯމެޓަށް ގެނައި ބަދަލަށްފަހު، އެ ފޯމެޓުގެ ދަށުން އެ އެސޯސިއޭޝަންގެ މެމްބަރުކަން ލިބިގެންދާ ފުރަތަމަ ދެ ކްލަބެވެ. އެހެންކަމުން، މެމްބަރު ކްލަބެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ ނިންމުންތަކުގައި ބައިވެރިވުމުގެ ހައްގު މި ދެ ޓީމަށް ކަށަވަރުވެގެންދާނެއެވެ.

މި ފަހަރު އަލަށް ދިވެހި ލީގަށް ޕްރޮމޯޓުވި އަނެއް ކްލަބު ކަމަށްވާ ބިސްބުރު ސްޕޯޓްސް ކްލަބަކީ މިހާރުވެސް އެފްއޭއެމްގެ މެމްބަރު ކްލަބެކެވެ. އެ ކްލަބަށް އެފްއޭއެމްގެ މެމްބަރުކަން ކުރިން ލިބިފައިވަނީ ދެވަނަ ޑިވިޝަނުގެ ކްލަބެއްގެ ގޮތުގައި ވާދަކުރަމުން ދިޔަ ދުވަސްވަރުގައެވެ.

މިރޭ ބާއްވާ ހާއްސަ ކޮންގްރެސްގައި މި ދެ ކްލަބަށް މެމްބަރުކަން ދިނުމުގެ އިތުރުން، އެފްއޭއެމްގެ އެކި ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ވެސް އޮންނާނެއެވެ. މިދިޔަ ޖުލައި މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ، ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ނިންމައިފައެވެ. އަދި އެ މުއްދަތު ހަމަވާނީ މި ހިނގާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހި ޕްރެމިއާ ލީގުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ދިއްދޫ ވަނީ ''އެފްއޭއެމް އެވޯޑްސް 2026'' ގައި ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރީޖަނަލް ދެވަނަ ކްލަބުގެ އެވޯޑް ހޯދާފައެވެ.

ލީގުގައި ދިއްދޫ މިހާތަނަށް ކުޅުނު މެޗުތަކުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ނިއުރޭޑިއަންޓް ދިއްދޫ ކައިރިން ސަލާމަތްވީ އިތުރުވަގުތު ހަމަވެގެން ކުޅުނު އިތުރު މިނިޓްގައި ޖެހުނު ގޯލަކުންނެވެ. 2-2 އިން އެއްވަރުވި މި މެޗުގައި ދިއްދޫ ވަނީ ފުރިހަމަ ވަގުތުގެ 90 މިނިޓާއި، އިތުރު ވަގުތުގެ 10 މިނިޓް ނިއުގެ މައްޗަށް 2-1ގެ ލީޑެއް ދަމަހައްޓާފައެވެ.