މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އޮފީސް ގަޑިތަކުގައި ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ވަކި ގަޑިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދަތިނުވާނޭހެން، ކޮންސްޓްރަކްޝަން ކުންފުނިތަކާ މަޝްވަރާކުރުމަށް ފަހުގައެވެ. އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާ އައު ޕޮލިސީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (2026/16) ފާސްވުމާ ގުޅިގެން، ގްރޭޓަރ މާލެ ސަރަޙައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި މާލެ ސަރަޙައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) ޤާއިމުކޮށް، އެ އޮފީހުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖީއެމްޓީއެމްއޯގެ ހިންގުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، އެ އޮފީހަށް މިހާރު ސީއީއޯއަކު ޢައްޔަންކުރެވިފައިވާ ކަމަށެވެ. އަދި އޮފީހުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ.
މީގެއިތުރުން، އެ އޮފީހަށް ލަފާދޭ ވަޒީރުންގެ ފެންވަރުގެ "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" ގެ ފުރަތަމަ ބައްދަލުވުން މިހާރު ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން މި ކައުންސިލުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިއުމަށް ރައީސް އިރުޝާދު ދެއްވާފައި ހުރި މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުމަތީގެ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު ހަތަރު މަގެއްގެ ޕާކިންގ ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ޖީއެމްޓީއެމްއޯ އިން މި މަސައްކަތް ކުރުމުގައި، އެ މަގުތަކުގައި ދިރިއުޅޭ ރައްޔިތުންނާ މަޝްވަރާކޮށް، ޚިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!