މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ ހެންވޭރުގައި ހުންނަ ހ. މާދޫގެއެވެ.

Ad
rt

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި، އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ ވަނީ ބަލައިފާސްކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ ތަރުތީބުން އަތުރާލައިފައެވެ. އެކި ބްރޭންޑުތަކުގެ ރާފުޅިތައް ވަކިކޮށްފައި ހުރިއިރު، އެތަނުގައި ވަރަށް ގިނަ އަދަދަކަށް ބަނގުރާ ހުއްޓެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެތަނުން ވަރަށް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާއިރު، އެކަމުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ވެސް ވަނީ ހޯދައިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަހު، ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރަލުގެ ބާވަތްތައް ވެސް ދައްކާލައިފައެވެ. އެތަނުގައި ބަނގުރަލުގެ އެކި ވައްތަރުގެ ކޭސްތައް އަތުރާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގައެވެ. އަދި އެތަނުގައި ދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.