ހދ. ފިނޭ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރްއާން މުބާރާތް 2026 ގައި ވާދަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އަލް-މަސާރު އެކެޑެމިކް ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފިނޭ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި މަހުގެ 7 އިން 9 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް މުބާރާތަށް ދަރިވަރުން ފުރިހަމައަށް ތައްޔާރުވުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީސްޓޭޖް 4 އާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ. އެގޮތުން، މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންގޮސް ދެއްވާފައިވަނީ އަލް-މަސާރު އެކެޑެމިކް ސެންޓަރުގެ ލީޑިންގ ޤުރްއާން ޓީޗަރު ޢަބްދުﷲ ރަޝީދެވެ.
ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި، މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ތަޖުވީދުގެ ހަމަތަކާއި ޤަވާއިދުތަކާ އެއްގޮތަށް ޤުރްއާން ކިޔެވުމަށެވެ. އަދި އަކުރުތަކުގެ މަޚްރަޖުތައް ރަނގަޅުކޮށް، އަޑުތައް ސާފުކޮށް ބޭރުކުރާނެ ގޮތްތައް ވެސް ދަރިވަރުންނަށް ވަނީ އުނގަންނައިދީފައެވެ.
މީގެ އިތުރުން، ރީތި ރާގުތަކުގައި އަޑު ތަރައްޤީކޮށްގެން ޤުރްއާން ކިޔެވުމުގެ މުހިންމު ހުނަރުތައް މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ފިނޭ ކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!