ހަށިގަނޑު ގުޅިފައި ތިބި މޮރޮކޯގެ އުމުރުން 13 މަހުގެ ތުއްތު ދެބެއިން ވަކިކުރުމަށް ސައޫދީ އަރަބިއްޔާގައި ކުރިއަށްގެންދިޔަ ނާޒުކު އޮޕަރޭޝަން، ހަ ގަޑިއިރުގެ މަސައްކަތަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސައޫދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ މެޑިކަލް އަދި ސާޖިކަލް ޓީމުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Ad
rt

ސަޖާ އަދި ދުހާ ނަމަކަށް ކިޔާ މި ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރިޔާޒުގައި ހުންނަ މިނިސްޓްރީ އޮފް ނެޝަނަލް ގާޑުގެ ދަށުން ހިންގާ ކިންގް އަބްދުލްއަޒީޒް މެޑިކަލް ސިޓީގެ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރެންސް ހޮސްޕިޓަލުގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދެ ހަރަމްފުޅުގެ ހާދިމް، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުންނެވެ.

ރޯޔަލް ކޯޓުގެ އެޑްވައިޒަރު، ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) ގެ ސުޕަވައިޒާ ޖެނެރަލް އަދި މެޑިކަލް ޓީމުގެ އިސްވެރިޔާ ޑރ. އަބްދުﷲ އަލް ރަބީއާ ވިދާޅުވީ، މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ ހަ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އަދި ހޭނައްތާ ޑޮކްޓަރުންނާއި ކުޑަކުދިންގެ ސާޖަނުންނާއި ޕްލާސްޓިކް ސާޖަނުން އަދި އެހެނިހެން އެހީތެރި ދާއިރާތައް ހިމެނޭހެން 23 ކޮންސަލްޓަންޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުން އަދި ޓެކްނީޝަނުން މި މަސައްކަތުގައި ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މެޑިކަލް ޓީމުން ހެދި ތަފްސީލީ ޓެސްޓުތަކުންނާއި ބޭއްވި ބައްދަލުވުންތަކުން ދެއްކި ގޮތުގައި، މި ދެބެއިން ގުޅިފައިވަނީ މޭމަތީގެ ތިރީބަޔާއި ބަނޑުގެ ބައެއްގައެވެ. އަދި ހިތް ވަށައިގެންވާ ދުލިފަށަލަ (ޕެރިކާޑިއަމް) އާއި، ފުރަމޭގެ އިތުރުން ގޮހޮރުގެ ބައިތައްވެސް މި ދެބެއިން ހިއްސާކޮށްފައިވާ ކަމަށް މެޑިކަލް ޓީމުން ފާހަގަކުރިއެވެ. މި އޮޕަރޭޝަނުގެ ކޮންމެ މަރުހަލާއެއްވެސް ކުރިއަށް ގެންގޮސްފައިވަނީ އެންމެ މަތީ ފެންވަރުގެ ފަރުވާތެރިކަމާއި ރައްކާތެރިކަމާ އެކުގައެވެ.

ޑރ. އަލް ރަބީއާ ފާހަގަކުރެއްވި ގޮތުގައި، މިއީ ސައޫދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ ދަށުން މޮރޮކޯގެ ގުޅިފައިވާ ދެބެއިން ވަކިކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެ ޕްރޮގްރާމުގެ ދަށުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ 73 ވަނަ އޮޕަރޭޝަނެވެ. ވޭތުވެދިޔަ 35 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި، 1990 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމުގެ ދަށުން 28 ގައުމަކުން 159 ކޭސް ބަލައި ދިރާސާކޮށްފައިވާއިރު، މިއީ ބައިނަލްއަގުވާމީ އިންސާނީ އެހީތެރިކަމާއި ސިއްހީ ދާއިރާގައި ސައޫދީން އަދާކުރާ އިސް ދައުރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕްރީލް 24 ގައި ސައޫދީ އަރަބިއްޔާއަށް ގެންދިޔަ މި ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކާމިޔާބުވުމާ ގުޅިގެން، ކުދިންގެ އާއިލާއިން ވަނީ އުފަލުން ރޮވި، ރަސްގެފާނު ސަލްމާނަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކޮށްފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ތަހައްމަލުކުރަން ޖެހުނު ނުތަނަވަސްކަމަށްފަހު، ކުދިންނަށް ފޯރުކޮށްދިން ހާއްސަ އަޅާލުމަށާއި މެޑިކަލް ޓީމުން ކުރި ބުރަ މަސައްކަތަށް އާއިލާއިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.