ދިވެހިރާއްޖޭގައި ކުރިމަތިވާ ކާރިސާތަކާއި މޫސުމީ ނުރައްކާތަކުގެ އިންޒާރު އެންމެ ފަހު މީހާއާ ހަމައަށް ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމަށްޓަކައި ޤައުމީ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ޚާއްޞަ ބައްދަލުވުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން މީޓިންގ" ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

Ad
rt

މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ އެއް މޭޒަކަށް އެއްވެ، ރައްޔިތުންގެ ޙާޖަތްތަކަށް އިސްކަންދޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި މި މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ވެސް ވަނީ ނިންމާފައެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ޤައުމަކަށް ވުމާއެކު، އެކުލަވައިލުމަށް ނިންމާފައިވާ މި މަގުޗާޓުގެ މައިގަނޑު އެއް މަޤްޞަދަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރުމެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކަށް ވިލުންވެރި އަދި ކެތްތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައެވެ.

މީގެ އިތުރުން، ހިރާސްތަކަށް ބިނާކޮށް ފިޔަވަޅުއެޅުމުގެ އުޞޫލުތައް ކަނޑައެޅުމަކީ ވެސް މި މަގުޗާޓުގެ މުހިންމު އަމާޒެކެވެ. އެގޮތުން ލިބެންހުރި ސައިންޓިފިކް މަޢުލޫމާތާއި ޑޭޓާގެ އަލީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް ރޭވުންތެރިކަމާއެކު ދުރާލާ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަގުޗާޓުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެވޭ އަނެއް ކަމަކީ ރާއްޖޭގެ އެންމެ ދުރު ރަށްރަށާއި، ވަކިން ދިރިއުޅޭ ރައްޔިތުންނާ ހަމައަށް ވެސް އެއްވެސް ލަސްވުމެއްނެތި، ފަސޭހައިން ދޭހަވާނެ ގޮތެއްގައި ކާރިސާގެ އިންޒާރުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމެވެ. ވުޒާރާއިން ފާހަގަކުރި ގޮތުގައި މިއަދު ބޭއްވުނު މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ޤައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު ވަރަށް މުހިންމު، އުންމީދީ ފިޔަވަޅެކެވެ.