އެކަނިވެރިކަމާއި ހިތްދަތިކަމުގައި ނަފުސާނީ ގޮންޖެހުންތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ އަޑުއެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ހަގީގީ އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށް ސިއްހަތާއި އާއިލީ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކޮމިއުނިޓީ ކަލަރ ރަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ނަފުސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

Ad
rt

މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު" މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާކުރަން ހުރި ތަޖުރިބާތައް ހާމަކުރުމަކީ މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަފުސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ވިސްނުންތައް ނައްތާލުމަށް ގޮވާލައްވަމުން ވަޒީރު ވިދާޅުވީ، ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ލޯތްބާއި އޯގާތެރިކަން ލިބޭ، ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އެކަކު އަނެއްކަކަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ގައުމީ ޒިންމާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.