އިންގްލެންޑުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ތާރީޚީ ރެކޯޑާ ކެޕްޓަން ހެރީ ކޭން އެއްވަރުކޮށް، އޭނާ ކާމިޔާބުކުރި ދެ ލަނޑާއެކު ޔޫއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޗެކިއާގެ މައްޗަށް 3-0 ގެ ފުރިހަމަ މޮޅެއް އިންގްލެންޑުން ހޯދައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑުން ޖެހި ތިން ލަނޑުގައިވެސް ކޭންގެ ދައުރު ބޮޑުއިރު، މިއީ އެ ޓީމުން މުބާރާތުގައި ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.
މި މެޗަކީ އިންގްލެންޑުގެ ގައުމީ ޖާޒީގައި އުމުރުން 33 އަހަރުގެ ކޭން ކުޅުނު 125 ވަނަ މެޗެވެ. މި މެޗާއެކު އޭނާ ވަނީ ކުރީގެ މަޝްހޫރު ގޯލްކީޕަރު ޕީޓާ ޝިލްޓަން ހަދާފައިވާ އިންގްލެންޑުގެ ފިރިހެން ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑާ ހަމަހަމަކޮށްފައެވެ. ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ބަޔާން މިއުނިކްގެ ފޯވާޑް ރޭ ޖެހި ދެ ލަނޑާއެކު، ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 91 އަށް އަރައިފައެވެ. މިއީ އިންގްލެންޑަށް އޭނާ ކާމިޔާބުކޮށްދިން 90 ވަނަ އަދި 91 ވަނަ ލަނޑެވެ.
ކޯޗު ތޯމަސް ޓޫޗަލްގެ އިރުޝާދުގެ ދަށުން ނުކުތް އިންގްލެންޑުން މެޗުގެ ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. ކޭން ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޗެކިއާގެ ޑިފެންޑަރު ވްލަޑިމީރް ކޫފާލް އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު އެލިއޮޓް އެންޑަސަންއަށް ލިބުނު ފުރުސަތު ބޭކާރުވި ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކޭން ވަނީ އިންގްލެންޑުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އެންޑަސަން ދިން ޕާހަކުން ޗެލްސީގެ ފޯވާޑް މޯގަން ރޮޖާސް ތަނަވަސްކޮށްދިން ބޯޅައަކުން ކޭން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފު ފެށިގެން ކުރީކޮޅުގައި ކޭން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި ނަމަވެސް، މެޗުގެ 57 ވަނަ މިނެޓުގައި އޭނާ ވަނީ އިންގްލެންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ލުވިސް ހޯލް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ، ގޯލުގެ ދުރު ދަނޑި ކައިރީ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ހަމަކޮށްފައެވެ. ހެޓްރިކް ހެދުމަށް މަސައްކަތްކުރި ކޭން މެޗު ނިމެން ދިހަވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ބަދަލުކުރީ ޑޮމިނިކް ކަލްވަޓް-ލެވިންއެވެ. ކޭން ދަނޑުން ފޭބީ ސަޕޯޓަރުންގެ ހޫނު ތަރުހީބަކާ އެކު، ކޯޗު ޓޫޗަލްގެ މަރުހަބާއާ ވެސް އެކުގައެވެ.
މިދިޔަ ހަފުތާ ބަންދުގައި ކްރޮއޭޝިއާ އަތުން 7-0 އިން މޮޅުވި ޓީމަށް ޓޫޗަލް ވަނީ ހަތަރު ބަދަލެއް ގެނެސްފައެވެ. އެގޮތުން ރަނގަޅު ފޯމެއްގައި ތިބި އެންތަނީ ގޯޑަން އަދި ބުކާޔޯ ސަކާއަށް އަރާމުކުރަން ފުރުސަތު ދިންއިރު، ދެ އަހަރަށް ފަހު ރެއާލް މެޑްރިޑްގެ ކަނާތު ބެކް ޓްރެންޓް އެލެކްޒެންޑާ-އާނޯލްޑް ވަނީ ވެމްބްލީގައި ކުޅެފައެވެ. މެޗުގެ ކުރީކޮޅު އެލެކްޒެންޑާ-އާނޯލްޑް ފޮނުވާލި ހިލޭޖެހުން ޗެކިއާގެ ކީޕަރު ލޫކަސް ހޯނިޗެކް ވަނީ މޮޅަށް ދިފާއުކޮށްފައެވެ.
ނޭޝަންސް ލީގުގެ ގްރޫޕް އޭ3 ގެ ފުރަތަމަ މެޗުން ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އަތުން 3-2 އިން ބަލިވި ނަމަވެސް، ޕްރާގްގައި ޗެކިއާ އަތުން 2-0 އިން އަދި ކްރޮއޭޝިއާ އަތުން 7-0 އިން މޮޅުވެ އިންގްލެންޑުން ވަނީ ރަނގަޅު މިސްރާބަކަށް އަޅައިފައެވެ. މި މޮޅާއެކު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން އިންގްލެންޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ އަންގާރަ ދުވަހު ފަހަތުން އަރައި ކްރޮއޭޝިއާ 2-1 އިން ބަލިކުރި ސްޕެއިނެވެ. ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން އަންނަ މާޗު މަހު އޮންނަ ކުއާޓާ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އިންގްލެންޑަށް މިހާރު ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. ގައުމީ ޓީމަށް ކުޅެން ފެށިތާ 79 ސިކުންތުގެ ތެރޭގައި ފުރަތަމަ ލަނޑު ޖެހިތާ 11 އަހަރު ފަހުންވެސް ކޭން ދައްކަމުން ދަނީ ތަފާތު މޮޅު ކުޅުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!