ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުންނެވެ.
އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން، މިހާރު ކުރިއަށްދަނީ މަގުގައި ހުރި ގާތަކާއި ދުވާރު ނެގުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، މި ފިޔަވަހީގެ ދަށުން މަގު ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް އެމްޓީސީސީން ވަނީ މަޢުލޫމާތު ދީފައެވެ.
މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އޮމާން ފަސޭހަ މަގުތަކެއް ލިބި، ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ހަމައެއާއެކު، މިއީ މާލެއަކީ އިތުރަށް ގުޅާލެވިފައިވާ އަދި ފަސޭހައިން ވާސިލުވެވޭނެ ސިޓީއަކަށް ހެދުމަށްޓަކައިވެސް އެހީތެރިވެދޭނެ މުހިންމު މަޝްރޫޢެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާ ހަމައަށް ވަނީ ތަރައްޤީކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް ތަރައްޤީކޮށްފައިވާއިރު، މިހާރު ފަށާފައިވާ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާނީ މަގުގެ ނުހެދި އޮތް ބައިތައް ތަރައްޤީކުރުމުގެ މަސައްކަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!