ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަށާއި، ބޭރުގެ ފަރާތަކުން ދީފާނެ ހަމަލާއަކަށް ނުވަތަ އެފަދަ ހާލަތަކަށް ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

އާދީއްތަ ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމުގައި އާންމުންގެ މީހަކު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު، ޚާއްސަކޮށް އިޤްތިޞާދީ ސަރަހައްދު ރައްކާތެރިކުރުމަށާއި، ރާއްޖޭގެ ސަރަޙައްދަށް ބޭރުގެ ފަރާތްތަކުން ވަދެދާނެ ފަދަ ޙާލަތަކަށް ސިފައިން ކިހާވަރަކަށް ތައްޔާރުތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިން އަބަދުވެސް ތިބެނީ ތައްޔާރީ ޙާލަތުގައި ކަމަށެވެ. އަދި ސިފައިންގެ މަސައްކަތް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމީ ދިފާޢީ ބާރުގެ ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ތުރުކީވިލާތުން މަނަވަރެއް ހޯދުމާއި، ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ބޭނުންކުރުމުގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުން ދެއްވި މަނަވަރު ފަދަ ވަސީލަތްތައް ހޯދުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަސީލަތްތައް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، އިތުރު އުޅަނދުތަކާއި އިތުރު ވަސީލަތްތައް އިތުރުކޮށް ކެޕޭސިޓީ ވަރުގަދަކުރައްވަން އިސްކަން ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ކޯސްޓްގާޑަށް ބޭނުންވާ ގިނަ އުޅަނދުތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މިހާތަނަށް ޕެޓްރޯލްކުރުމަށް އިތުރު ތިން އުޅަނދެއް ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 17 އުޅަނދެއް ގެންނަވާނެ ކަމަށާއި، އޭގެ ތެރެއިން ބައެއް އުޅަނދުތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށްވެސް ހާމަކުރެއްވިއެވެ. ހަމައެއާއެކު، 12 ސީއެމްބިއުލާންސް ބަނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުގެ ސަރަޙައްދު ކަމަށް ވުމާއެކު، އެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށް ވިދާޅުވިއެވެ.